ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗުގެ މަގާމުގައި ހުރި އަލީ ނިސްތާރު މުހައްމަދު، ހަ އަހަރަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމައިފިކަން އިއުލާނުކޮށްފި އެވެ.
އަލީ ސުޒޭން. ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން 2020 ވަނަ އަހަރު ވަކިވުމުން، އެ ޓީމުގެ ކޯޗުކަމާ ނިސްތާރު ހަވާލުވެ، މިދިޔަ ހަ ވަރަކަށް އަހަރު އޭނާ ވަނީ އެ ޓީމުގައި ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމުގައި ވެސް ބިނާކުރަނިވި މަސައްކަތްތަކެއް ކުރި ނިސްތާރު، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގްރީން ސްޓްރީޓްސް އަށް ކުރިއަށް އޮތްތަނުގައި ކާމިޔާބަށް އެދޭ ކަމަށާއި އެ ކްލަބްގައި ތިބި ކުޅުންތެރިންނާއި ޓީމު ފަހަތުގައި އޮތް މެނޭޖްމަންޓަކީ ހާއްސަ ބައެއް ކަމަށެވެ.
"ދިގު މުއްދަތެއް ވަންދެން އެއް ކްލަބެއްގައި ހުުރުން މިއީ އެހާ އާންމުކަމެއް ނޫން ރާއްޖޭގައި. އެހެންވެ، އަހަރެމެންނަށް އެކުގައި މި ކުރެވުނު ދަތުރަށްޓަކައި އުފާކުރަން،" ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބްގައި ވެސް މީގެ ކުރިން ކޯޗިން މަސައްކަތްކުރި ނިސްތާރު ބުންޏެވެ.
ގްރީން ސްޓްރީޓްސްގައި ހުރެ ކުރެވުނު ކާމިޔާބު މަސައްކަތްތަކަށް ނިސްތާރު ވަނީ އަލި އަޅުވާލައިފަ އެވެ. އެ ގޮތުން، ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ މަގާމާއި ހަތަރު ވަނަ މަގާމުގަައި ނިންމާލެވުމާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ. ތިން ވަނަ ހޯދުން ފާހަގަކުރި އެވެ.
"ބޮޑެތި ޓީމުތައް ކައިރީގައި އަހަރެމެންް ވަރަށް ގޮތްދޫނުކޮށް ރަނގަޅަށް މަސައްކަތްކުރި ޓީމަކަށްވި، ހުރިހާ ކަމަކަށް ވުރެން ބޮޑަށް އަހަރެމެން އޮތީ އާއިލާއެއްގެ ގޮތުގައި، އުނދަގޫ ކަމެއް (ގްރީން ސްޓްރީޓްސް) ދޫކޮށްދިއުމަކީ. އެކަމަކު ދިރިއުޅުން ދާނީ ކުރިއަށް. އިންޝާﷲ. ގްރީން ސްޓްރީޓްސްގައި އަހަރެމެން އެންމެން އެކުވެގެން އެ ބިނާކުރެވުނު ކަންކަމަން ފަހުރުވެރިކަމާ އެކު އަބަދުވެސް ހަނދާން ކުރާނަން. ގްރީން ޑްރެގަންސް އަށް އަބަދުވެސް ކާމިޔާބަށް އެދެން،" ނިސްތާރުގެ ޕޯސްޓު ނިންމާލަމުން ލިޔެފައިވެ އެވެ.
ގްރީން ސްޓްރީޓްސް މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ނިންމާލީ 10 ޓީމު ވާދަކުރި ލީގުގެ އަށް ވަނައިގަ އެވެ. ގްރީން ސްޓްރީޓްސް އިން ލީގުގައި ކުޅެން އޮތް އެންމެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މެޗަށް ހާޒިރެއްނުވެ އެވެ.
އެ ގޮތުން، އެ މެޗަށް ހާޒިރުނުވި މައްސަލައިގައި، އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ގްރީން ސްޓްރީޓްސް 50،000 ރުފިޔާގެ ޖޫރިމަނާކޮށް، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ޓްރާންސްފާ ބޭން އެއް ދޭން އެފްއޭއެމް އިން ނިންމި އެވެ. އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ އެ ނިންމުމާ އެކު، ގްރީން ސްޓްރީޓްސްގެ ޕޮއިންޓެއް އުނިކުރަން ނެތުމުން، ކްލަބް ވެލެންސިއާ ވަނީ ރެލިގޭޓްވެފަ އެވެ.
ގްރީން ސްޓްރީޓްސް އިން މިހާރު ތައްޔާރުވަމުން އަންނަނީ ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން އަށެވެ. އެ ގޮތުން، އެ ކޮލިފިކޭޝަންގެ ހަތަރު ޖާގައެއް ވަނީ ޔަގީންވެފަ އެވެ. އެއީ، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ ޓީސީ ސްޕޯޓްސް ކްލަބާއި އަށް ވަނަ ގްރީން ސްޓްރީޓްސްގެ އިތުރުން، މާލެ ރީޖަން ލީގުގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް އާއި ނޯތު ރީޖަންގެ ޗެމްޕިއަން، ހއ. ދިއްދޫ އެވެ. ބާކީ ދެ ޖާގަ ލިބޭނީ ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން އާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަނަށެވެ. މި ހަ ޓީމު ކުޅޭ ކޮލިފިކޭޝަން ބުރުން ގަދަ ހަތަރެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.
ހަ އަހަރަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ނިސްތާރު ވަކިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ