ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މި ބަލިމަޑުކަމަކީ ބަންޑިބުގްޔޯ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ކަމަށާއި، މިއީ މުޅި ދުނިޔެއަށް ފެތުރޭ ވަބާއެއްގެ މިންގަނޑަށް އަދި ނުފެތުނު ކަމުގައި ވިޔަސް، ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެ ޖަމްއިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
އދގެ ސިއްހީ އިދާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިގެން މަރުވި ކަމަށް ބެލެވޭ 80 މީހުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ލެބޯޓްރީ ތަހުލީލުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ އަށް މީހުންނާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރި 246 މީހުން ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކޮންގޯގެ ސިއްހީ ވުޒާރާއިން ވެސް ވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުގައި ފެތުރެމުންދާ މި ބަލީގައި 80 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
ޑަބްލިއުއެޗްއޯ އިން ފާހަގަކުރި ގޮތުގައި މިހާރު ފެންނަން ހުރި ހިސާބުތަކަށް ވުރެ ބޮޑަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ބަލި ހުރިތޯ ބެލުމަށް ހެދި ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވާ މިންވަރު މަތިވުމާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމެވެ. މި ބަލިމަޑުކަން ނުރައްކާތެރިވާ އަނެއް ސަބަބަކީ، އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނެތުމެވެ.
މި ބަލިމަޑުކަން މިހާރު ވަނީ އެއް ގައުމުން އަނެއް ގައުމަށް ފެތުރެން ފަށާފައެވެ. ޔުގެންޑާގެ ވެރިރަށް ކަމްޕާލާ އިން ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. މި ދެ މީހުންނަކީ ވެސް ކޮންގޯ އިން ދަތުރުކުރި ދެ މީހުންނެވެ. ހަމައެއާއެކު، ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް ބަލި ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ ގައުމުތަކުގެ ކާރިސާ މެނޭޖްމަންޓް ނިޒާމުތައް ވަރުގަދަކޮށް، ބޯޑަރުތަކާއި މައި މަގުތަކުގައި ބަލި ހުރިތޯ ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިރުޝާދު ދީފައެވެ.
ބަލި ޖެހިފައިވާ މީހުންނާއި، ބަލި މީހުންނާ ބައްދަލުވެފައިވާ މީހުން ދަތުރުފަތުރު ނުކުރުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އަންގާފައެވެ. އަދި ބަލި ޖެހިފައިވާކަން ކަށަވަރުވާ މީހުން ވަގުތުން އެކަހެރިކުރުމަށާއި، ބަލި މީހުންނާ ބައްދަލުވި މީހުން 21 ދުވަހުގެ މުއްދަތަށް މޮނިޓަރު ކުރުމަށް ވެސް ވަނީ ލަފާދީފައެވެ. ނަމަވެސް، ބިރުވެރިކަމެއްގެ ތެރެއިން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ވިޔަފާރި އާއި ދަތުރުފަތުރަށް ހުރަސް ނޭޅުމަށް އެ ޖަމްއިއްޔާއިން އިލްތިމާސްކުރެއެވެ. އެއީ ބޯޑަރުތައް ބަންދުކުރުމުން މީހުންނާއި މުދާ ނުރަސްމީ މަގުތަކުން ދަތުރުކުރަން ފަށައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ.
އެބޯލާގެ ނުރައްކާ ބޮޑުވެ ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ