ޤައުމީ ދިފާޢީ ބާރުގައި ޚިދުމަތް ކުރައްވާ ކޮންމެ ދިވެހި ސިފައިންގެ މީހަކީ ޤައުމާއި ދީނާއި ޤައުމުގެ ރައްޔިތުންނަށްޓަކައި ފުރާނަ ޤުރުބާން ކުރަން ތައްޔާރަށް ތިބި ދަރިންތަކެކެވެ. ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ އިސްސަފުގައި ތިބެނީ އަޅުގަނޑުމެންގެ ލޮބުވެތި ސިފައިންނެވެ. ހޮނިހިރު ދުވަހު ދިމާވި ހިތްދަތި ހާދިސާގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ނަމޫނާ ދައްކައި، އެންމެންގެ ލޯބި ހޯދައިގެންނެވެ.
މެއި 16ވަނަ ދުވަހުގެ ހަވީރު ވެގެންދިޔައީ މުޅި ޤައުމު ސިއްސުވާލި ވަގުތުކޮޅަކަށެވެ. މިމަހުގެ 14 ވަނަ ދުވަހު ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަށް ޑައިވިންއަށް ދިޔަ އިޓަލީގެ ފަތުރުވެރިންތަކެއްގެ ޚަބަރެއް ނުވެގެން ހިންގި ސަރޗް އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މި ފަނާވަނިވި ދުނިޔެއާ ވަކިވެގެންދިޔަ ޚަބަރާއެކުގައެވެ. މަހުދީ ނިޔާވީ އެ ފަތުރުވެރިން ހޯދަމުންދަނިކޮށް، ހާލުދެރަވެ ފަރުވާ ދެމުންދަނިކޮށެވެ.
މަރުޙޫމް މަހުދީ ނިޔާވި ޚަބަރާއެކު ދިވެހި ރައްޔިތުން މުޅި މީސްމީޑިއާ ބަންޑުންޖަހާލީ ސިފައިންނާއި ޚާއްސަކޮށް މަހުދީއަށް އޮތް ލޯބި ދައްކުވައިދިނުމަށެވެ. ޤައުމުގެ އިސްވެރިންނާއި މަހުދީގެ އަރިސް މީހުންނާއި އާންމު ރައްޔިތުންގެ އިތުރުން އެކި ޤައުމުތަކުންވެސް ވަނީ މަހުދީގެ އާއިލާއާއި އެމްއެންޑީއެފަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
އެތައް ބަޔަކު މަރުޙޫމް މަހުދީ ސިފަކުރަނީ ޤައުމުގެ ބަޠަލެއްގެ ގޮތުގައެވެ. އަދި އަޒުމުވަރުގަދަ، ހިތްވަރުގަދަ، ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. ހައި ރިސްކު އޮޕަރޭޝަނެއްކަން އެނގިހުރެވެސް އެންމެ ފަހުވަގުތާ ހަމައަށްވެސް ޚިދުމަތުގައި ހުންނެވީ އިންސާނިއްޔަތަށްޓަކައެވެ. ޤައުމަށްޓަކައި، ރައްޔިތުންނަށްޓައި ކޮނޑުގައި އަޅުވާފައިވާ ޒިންމާ އަދާކުރުމުގެ ނިޔަތުގައެވެ. އެކަން މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ހެޔޮހިތުން ގަބޫލުކުރެއެވެ. ހުރިހާ އެންމެންގެ ދުޢާއަކީވެސް މަރުޙޫމަށް ޝަހީދެއްގެ ދަރަޖަށް ދެއްވައި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމެވެ.
މަރުޙޫމް މަހުދީއަކީ 19 ޑިސެންބަރ 2005ގައި ދިވެހި ސިފައިންގެ ޚިދުމަތާ ގުޅުނު ދުވަހުން ފެށިގެންވެސް އަމިއްލަ ނަފުސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރެއްވި ހުށިޔާރު، ކެރޭ، ހީވާގި އަދި ނަމޫނާ ސިފައިންގެ ބޭކަލެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެގޮތުން، ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށްޓަކައި ކޯސްޓުގާޑުން ހިންގާފައިވާ ބޮޑެތި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ކޯސްޓުގާޑުގައި ހުންނެވި އެންމެ ހުނަރުވެރި އަދި އެންމެ ޤާބިލު އެއް ޑައިވަރުގެ ގޮތުގައި މަރުޙޫމް މަހުދީ ހަރަކާތްތެރިވެފައިވާކަން ފާހަގަކުރެއްވިއެވެ.
މިފަދަ އޮޕަރޭޝަންތަކުގައި މަރުޙޫމް މަހުދީ ދައްކުވައިދީފައިވާ ހިތްވަރާއި ކެރުމާއި އަދާކުރެއްވި ދައުރަކީ ދިވެހި ސިފައިންވެސް ފަޚުރުވެރިވާ ޤައުމީ ޚިދުމަތެއްކަމަށް އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ކަނޑުގެ ހިތާމަވެރި ހާދިސާތައް ގިނަ ޤައުމަކަށްވާއިރު ޤައުމަށް ޚިދުމަތް ކުރެއްވުމުގައި މަހުދީ ޚިޔާރު ކުރެއްވީ އެ ދާއިރާއެވެ. ރާއްޖެއާއި ރާއްޖޭން ބޭރުން ޑައިވިންގ ދާއިރާއިން ތަމްރީންތައް ހޯއްދަވައި، ފުން ސަރަޙައްދުތަކުގައި ކޯސްޓްގާޑުން ހިންގަންޖެހޭ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް އަމާޒުކޮށް ޓެކްނިކަލް ޑައިވަރުން އުފެއްދުމުގައިވެސް މަހުދީގެ ހިއްސާ ބޮޑުކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ. މިއިންވެސް ސާބިތުކޮށްދެނީ ޤައުމީ ވާޖިބާއި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މަރުޙޫމް މަހުދީގެ ހިތުގައި އޮތް ޝައުގުވެރިކަމެވެ. ޤައުމީ ވާޖިބު އަދާކުރުމަށް އޮތް ލޯތްބެވެ.
ޤައުމީ ޚިދުމަތުގައި ހުންނަވަނިކޮށް ނިޔާވި މަހުދީގެ ޖަނާޒާ އެމްއެންޑީއެފުން ބޭއްވީ ރަސްމީ ޢިއްޒަތުގައެވެ. މި ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އެމްއެންޑީއެފް އާއި މަހުދީގެ އާއިލީ ބޭފުޅުންގެ އިތުރުން ހެޔޮއެދޭ އެތައް ރައްޔިތުންނެއް ހިމެނެއެވެ. މިއީ މަހުދީ ކޮށްދެއްވި ޚިދުމަތަށް އެ ރައްޔިތުންގެ ހިތްތަކުގައި އިހުތިރާމާއި ލޯބި އޮތް މިންވަރު ހާމަކޮށްދޭ ހެއްކެކެވެ.
އެންމެންގެ ތަޢުރީފާއި ލޯބި މަރުޙޫމް މުޙައްމަދު މަހުދީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ