ކުނިތައް ސާފުކުރަނިކޮށް މަތިން އެއްލާލި ކޮނިކޮތަޅު ޖެހުނީ މުވައްޒަފު ބޮލުގައި!

ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އިމާރާތުގެ މަތިން ވައްޓާލި ކުނިކޮތަޅަކުންޖެހި، މާލެސިޓީ ކައުންސިލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މާލެ ސިޓީގެ މުއައްޒަފުން، މާލެ ހިޔާ-2ގެ، ކުނި އަޅާ ސަރަޙައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ޢިމާރާތުގެ ފްލެޓެއްގެ ބަދިގެއާ ވީފަރާތު ބެލްކަނިން، ހަޑިވެފައި ހުރި ކާ އެއްޗިއްސާ، އެކި ބާވަތުގެ ކުނި އަޅާފަހުރި ކޮތަޅެއް ވައްޓާލުމުންކަމަށް ކައުންސިލުން ބުންޏެވެ. މާލެސިޓީ ކައުންސިލުން ބުނީ، މަތިން ވައްޓާލި ކުނިކޮތަޅުން ޖެހުނީ އެ ވަގުތު އެ ތަނުގައި މަސައްކަތްކުރަމުންދިޔަ ސިޓީ ކައުންސިލްގެ މުވައްޒަފެއްގެ ބޮލުގައިކަމަށެވެ. އޭގެ ސަބަބުން އެ މީހާގެ ބޯ ދުޅަވެ، އެކިވަރުގެ އަނީޔާވެފައިވާކަމަށް ބުންޏެވެ. ސިޓީ ކައުންސިލުން ބުނީ މާލެ ހިޔާ ފްލެޓްތުގެ ކުނި، މާލެ ސިޓީ ކައުންސިލުން ގަވައިދުން ނަގަމުން ދަނިކޮށް، އެ ފަދަ "ނާ ތަހުޒީބު، ދަށު ދަރަޖައިގެ ޢަމަލު" ހިންގުމަކީ، އެއްވެސް ގޮތަކުން ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އެހެންކަމުން، "މި ފަދަ ވިޔާނުދާ ޢަމަލުތައް ތަކުރާރު ނުކުރުމަށް، އިލްތިމާސް ކުރާ" ކަމަށެވެ. މާލޭގެ ގޭބީސީތަކުން އުކާލާ ކުނި، ނެގުމުގެ މަސައްކަތް ކުރަނީ ވެމްކޯއިންނެވެ. އުކާލާ އެކި ބާވަތުގެ ކުންޏާމެދު ގެބީސީތަކުން އަމަލުކުރާނެ އުސޫލުތަކާއި، އެތަކެތި ނަގާނެ ގަޑިތައް ވެމްކޯއިން އޮންނަނީ ކުރިއާލާ އިއުލާނުކޮށްފައެވެ. ނަމަވެސް، އަދިވެސް މަގުމަތީ ކުނިކޮތަޅު ބެހެއްޓުމާއި، އާންމު ތަންތަނަށް ކުނިވާޒާތުގެ ނަޖިސް ހިމެނޭ ކުނި އަޅައިފައި މަދުން ނަމަވެސް ހުރެއެވެ. އެ ފަދަ ކަންކަން ކުރުމުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫ ކުރިމަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ