މިހާރު ގައުމަށް ކުރިމަތިވަމުންދާ އެކި މައްސަލަތަކަށް ހައްލެއް ލިބޭތޯ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ބަލަބަލާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ މިހާރު ކުރިއަށްގެންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.
އައްޑޫ ސިޓީއަށް ކުރެއްވި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އެމްޑީޕީން ހުށަހަޅާ ހިޔާލުތަކަށް ރައްޔިތުންގެ ބޮޑު ޝައުގުވެރިކަމެއް އެބަހުރި ކަމަށެވެ. މި ދަތުރުގައި ފައްޔާޒްގެ އިތުރުން ރައީސް މުހައްމަދު ނަޝީދާއި މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެބޭފުޅުންގެ ހިޔާލުތަކާ ދެކޮޅު ބޭފުޅުން ތިއްބެވި ނަމަވެސް، ގިނަ ރައްޔިތުން ތިބީ މިހާރު ހުރި މައްސަލަތަކަށް ހައްލެއް ބޭނުންވެފައި ކަމަށެވެ. ”މި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭތޯ ރައްޔިތުން ތިބީ ބަލަބަލާ،“ ފައްޔާޒް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މަސައްކަތަކީ ވެރިކަމެއް ބަދަލުވެގެން ދާއިރު ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު އެކަން ފަހިކޮށްދިނުމެވެ.
މި ކެމްޕޭންގެ ތެރެއިން މީގެ ކުރިން ކުޅުދުއްފުށި، ދިއްދޫ އަދި އިހަވަންދޫއަށް ކުރި ދަތުރުތަކުން ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހުވަދު އަތޮޅާއި ފުވައްމުލަކުގެ އިތުރުން އެހެން އަތޮޅުތަކަށް ވެސް ދަތުރުކުރުމަށް ވަނީ ރޭވިފައެވެ.
ކުރިއަށް އޮތް ދެތިން ދުވަހު ކެމްޕޭންގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން، ފައްޔާޒް ވިދާޅުވީ މުޅި ރާއްޖެއިން ވެސް ފެންނަނީ ބަދަލަކަށް ރައްޔިތުން އިންތިޒާރުކުރާ މަންޒަރު ކަމަށެވެ.
މައްސަލަތަކަށް ހައްލެއް ލިބޭތޯ ރައްޔިތުން ތިބީ ބަލަބަލާ: ފައްޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ