އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މި ހަމަލާދީފައިވަނީ ޕަހަލްގަމްއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކަށް އަމާޒުކޮށް އިއްޔެ އެވެ. ބަޑީގެ އެ ހަމަލާގައި 26 މީހަކު މަރާލައިފައިވާއިރު އިތުރު 17 މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ.
ބުނީ ކީކޭ؟ - މި ހަމަލާ ކުށްވެރިކުރައްވާ ރައީސް މުއިއްޒު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މައުސޫމް އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަހަމްވެފައިވާ ޕަހަލްގަމުގެ ޓެރަރިސްޓް ހަމަލާއިން ހިތާމަ އާއި ސިހުން ލިބިފައިވާ ކަމަށެވެ.
ދިވެހި ސަރުކާރުން ހުރިހާ ގޮތަކުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ސާބިތުވެ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި ހަމަލާގައި އަނިޔާވި މީހުންނާއި އެމީހުންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އިންޑިއާ ސަރުކާރާ ދެކޮޅު ޖަމާއަތެއް ކަމަށްވާ 'ކަޝްމީރު ރެސިސްޓެންސް' އިން ވަނީ ސޯޝަލް މީޑިއާ މެސެޖެއްގައި މި ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އެ ސަރަހައްދުގައި 85،000 އަށް ވުރެ ގިނަ "ބޭރުމީހުން" ވަޒަންވެރިވެ، އެ ސަރަހައްދުގެ އާބާދީއަށް ބަދަލެއް ގެނައުމަށް މަސައްްކަތްކުރާ ކަމަށް ބުނެ އެ ޖަމާއަތުން ވަނީ އެ ޕޯސްޓުގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އިންޑިއާގެ ސަލާމަތީ އިދާރާތަކުން ބުނާ ގޮތުގައި:
' ކަޝްމީރު ރެސިސްޓެންސް' އަކީ އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގައި ހަނގުރާމަކުރާ ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ 'ލަޝްކަރު-އޭ-ތައިބާ' އާއި ހިޒްބުލް މުޖާހިދީންގެ ވާގިވެރިވާ ޖަމާއަތެއް
ނަމަވެސް ޕާކިސްތާނުން ބުނަނީ އެ ޖަމާއަތަށް ފޯރުކޮށްދެނީ ހަމައެކަނި ޑިޕްލޮމެޓިކް އެހީތެރިކަން ކަމަށް
އިންޑިއާގެ ސަލާމަތީ އިދާރާތަކުން މިހާރު އަންނަނީ ހަމަލާދިން ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ މި ހަމާލާ ދިނުމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ހަމަލާއާ ގުޅިގެން، މޯދީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ކުރުކުރައްވާ މިހާރު ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ.
ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ