ޢަލީ އިޙްޞާން ފިރާޤް
އެތެރޮސްކްލޮރޯސިސް އަކީ ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ އާއި ކޮލެސްޓްރޯލް އަދި އެހެނިހެން މާއްދާތައް ޖަމާވުމެވެ. ލޭގެ ތެރޭގައި ހުންނަ ކޮލެސްޓްރޯލް ގިނަވެއްޖެނަމަ އެންމެ ނުރައްކާތެރި އެއްކަމެއްގެ ގޮތުގައި ފާހަގަވާ ކަމަކީ މިދެންނެވި ކޮލެސްޓްރޯލް ލޭހޮޅިތަކުގައި ޖަމާވުމެވެ. މި ގޮތަށް ޖަމާވުމަށް ޕްލާކް އޭ ކިޔައެވެ. މީގެ ސަބަބުން ލޭހޮޅިތަކުގެ ހޮއި ކުޑަވެ ނުވަތަ ލޭހޮޅިތައް ހަނިވެ ލޭ ދައުރު ކުރުމަށް ހުރަސް އަޅައެވެ. އަދި ބައެއް ފަހަރު ޕްލާކް ފަޅައިގެން ގޮސް ބްލަޑް ކްލޮޓް އުފެދެއެވެ.
އެތެރޮސްކްލޮރޯސިސް އަކީ ގިނަ ދުވަސްވީވަރަކަށް މަޑުމަޑުން ގޯސްވަމުންދާ ބައްޔެކެވެ. ފަހަރުގައި ލޭހޮޅިތަކުގައި ސަރުބީ ހިފަންފަށަނީ ޒުވާން އުމުރު ނުވަތަ ކުޑައިރު ކަމުގައިވެސް ވެދާނެއެވެ. އޭގެ ސަބަބުން ފަރުވާ ނުކޮށްފިނަމަ ހަޔާތުގެ ކޮންމެވެސް ހިސާބައެއްގައި މިކަމުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ.
ލޭހޮޅިތަކުގައި ސަރުބީ ހިފަންފަށަނީ ލޭހޮޅީގެ އެތެރެ ފަށަލައަށް ގެއްލުން ލިބުމުން ނުވަތަ އަނިޔާ ވުމުގެ ސަބަބުންނެވެ. ލޭހޮޅިތަކަށް ގެއްލުން ލިބިދާނެ ސަބަބުތަކުގެ ތެރޭގައި
ލޭމައްޗަށް ދިއުން:
ކޮލެސްޓްރޯލް މަތިވުން:
ލޭގައި ހުންނަ ސަރުބީގެ ވައްތަރެއް ކަމަށްވާ ޓްރައިގްލިސެރައިޑްސް މަތިވުން
ސިނގިރޭޓް ބުއިން ނުވަތަ އެނޫންވެސް ދުންފަތުގެ އިސްތިއުމާލުކުރުން.
ހަކުރުބަލި.
އިންސިއުލިން ރެސިސްޓެންސް
ފަލަބަލި.
ބައެއް ބާވަތުގެ އިންފްލެމޭޓަރީ ބަލިތައް މިސާލަކަށް އާތުރައިޓިސް، ލޫޕަސް، ސޮރިއަސިސް ފަދަ ބަލިތައް
މިދެންނެވި ސަބަބުތަކުގެ ތެރެއިން ސަބަބާ ހުރެ ލޭހޮޅީގެ އެތެރޭގެ ފާރު ނުވަތަ ބަތާނަފަށް ހަލާކުވެއްޖެނަމަ ލޭގެ ސެލްތަކާއި އެހެނިހެން މާއްދާތައް އަނިޔާ ލިބުނު ތަނުގައި ޖަމާވެދާނެ އެވެ. އަދި ދުވަަސްވީވަރަކަށް ސަރުބީ ނުވަތަ ކޮލެސްޓްރޯލާއި ދިފާއީ ސެލްތަކާއި އެހެނިހެން ސެލްތައްވެސް އެތަނަށް ޖަމާވެ ޕްލާކް އުފެދެއެވެ. އޭގެ ސަބަބުން ލޭހޮޅިތައް ބެދެއެވެ. ބައެއް ފަހަރު ޕްލާކު އުފެދިފައިވާތަނުން ވަކިވެގެން ގޮސް އެހެން ލޭހޮޅިތަކުގައި ތާށިވެގެން ލޭ ދައުރުކުރުން ހުއްޓެއެވެ.
ލޭ ހޮޅިތަކުގައި ސަރުބީ ހިފުމުގެ ފުރުސަތު އިތުރުކޮށްދޭ ކަންތައްތައް ދެ ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެ ކަންތަކާއި ކޮޮންޓްރޯލް ނުކުރެވޭ ކަންތައްތަކެވެ. އުމުރުން ދުވަސްވުމާއި ޖެނެޓިކްސް ނުވަތަ ވާރުތަކުރާގޮތް ހުރުމާއި އާއިލާތެރޭގައި ހިތުގެ ބަލި ނުވަތަ ސްޓްރޯޯކް ޖެހިފައިވާ މީހަކު ހުރުމާއި އިންފެލެމޭޓަރީ ބަލިތައް ހުރުމަކީ އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެވެ.
އަމިއްލައަށް ކޮންޓްރޯލް ކުރެވޭ ކަންތައްތައް ގުޅެނީ ދިރިއުޅުގެ ވައްޓަފާޅިއާއެވެ. މިކަންތައްތަކަކީ އަމިއްލައަށް ރަނގަޅުކުރެވޭނެ ނުވަތަ ކޮންޓްރޯލް ކުރެވޭނެ ކަންތައްތަކެވެ. އެގޮތުން ފަލަބަލީގެ މީހުންނާއި ކޮލެސްޓްރޯލް މަތިވުމާއި ލޭގެ ޕްރެޝަރު މަތިވުމާއި ހަކުރު ބަލި އަދި ކަސްރަތު ނުކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ލޭހޮޅިތަކުގައި ސަރުބީ ހިފުމަށް މަގުފަހި ކުރާ ކަމެކެވެ. ވީމާ ޑޮކްޓަރުގެ އިރްޝާދާއެކު ކެެއުން ބުއިމާއި މިދެންނެވި ކަންތައްތައް ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނުރައްކާތައް:
ނުރައްކާ ބިނާވެފައިވަނީ ސަރުބީ ހިފައިގެން ބެދޭ ލޭހޮޅީގެ މައްޗަށެވެ. މިސާލަކަށް ހިތުގެ މަސްގަނޑަށް ލޭ ފޯރުކޮށްދޭ ކޮރޯނަރީ އާޓަރީ ބެދިއްޖެނަމަ ހާޓްއެޓޭކް އަދި ހާޓްފެއިލްވުން ކުރިމަތިވެއެވެ. ސިކުނޑިއަށް ލޭފޯރުކޮށްދޭ ލޭހޮޅި ބެދިއްޖެނަމަ ސްޓްރޯކް ޖެހެއެވެ. އަތްފައިގެ ލޭހޮޅިތައް ބެދިއްޖެނަމަ ޓިޝޫތަކާއި ސެލްތަކަށް ލޭ ފޯރުނުކޮށްދެވި ބައެއް ފަހަރު ސެލްތައް މަރުވެއެވެ.
ލޭހޮޅިތަކުގައި ސަރުބީހިފުމުގެ ސަބަބުން ބައެއްފަހަރު ލޭހޮޅީގައި ބަލްޖު އުފެދި ނުވަތަ ލޭހޮޅި ފުއްޕާގޮތްވެއެވެ. އަދި އޭގެ ސަބަބުން ލޭހޮޅި ފަޅައިގެންދާން މެދުވެރިވެއެވެ. ކިޑްނީއަށް ލޭ ފޯރުކޮށްދޭ ލޭހޮޅިތަކުގައި ސަރުބީ ހިފައިފިނަމަ ކިޑްނީގެ މަސައްކަތަށް ބުރުއަރައެވެ. ދިގު މުއްދަތައްކަށް ފަރުވާ ކުރަންޖެހޭ ކްރޯޯނިކް ކިޑްނީ ބަލިޖެހެއެވެ.
ލޭ ހޮޅިތަކުގައި ސަރުބީ ހިފުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު! ގިނަ ތަފާތު މައްސަލަތައް ކުރިމަތިވާކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ