ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އެހުމަކީ ލިބޭ އުފަލެއް: ރައީސް ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑު އެހުމަކީ ލިބޭ އުފަލެއް: ރައީސް

ރައްޔިތުންގެ އަޑުއަހައި ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބު ހޯދުމަކީ ލިބޭ އުފަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ދެމި އޮންނަނީ ރައްޔިތުންނަށްވީ ވައުދުތަށް ފުއްދުމުގައި، ނަތީޖާ ނެރެދިނުމުގައި. ހީވާގިކަމާއި، ކެރުމާއި، މުރާލިކަމާ އެކު، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި ކަމަށެވެ.
"ރައްޔިތުންގެ ގާތަށް ގޮސް، ރައްޔިތުންގެ އަޑުއަހާ ރައްޔިތުންގެ އެދޭ އަމާޒަށް ވާސިލުވުމުގައި ކާމިޔާބީ ހޯދުމަކީ އަޅުގަނޑުގެ އުފާ، އަޅުގަނޑުގެ ވާޖިބު، މަސްއޫލިއްޔަތު، މި މަސްއޫލިއްޔަތު އަދާކުރުމުގައި ހަމަ ކޮންމެ ރައްޔިތެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެއްވަރު،" ރައީސް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވުމަށްފަހު ރައީސް މުއިއްޒު ދަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައި، ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މިގޮތުން ވެރިކަމާ ހަވާލުވިފަހުން އެމަނިކުފާނު ވަނީ އެންމެ ކައުންސިލެއް ފިޔަވައި އެހެން ހުރިހާ ކައުންސިލަކާ ބައްދަލުކުރައްވާފަ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވީ ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވަމުން ގެންދަވަނީ މައްސަލަތައް ދެނެގަނެ، ވީހާ ވެސް ގާތުން ހިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ.
މި އަހަރު ވެސް ރަށްރަށަށް ރައީސް މުއިއްޒު ދަތުރު ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދަތުރު ކުރައްވަން އަންނަ އަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ