ޙަސީނާގެ ބައްޕާފުޅުގެ ގެކޮޅުގައި ރޯކޮށްލައިފި

މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ ބައްޕާފުޅު އަދި އެ ގައުމުގެ އެންމެ ފުރަތަމަ ރައީސް މުޖީބުއް ރަޙްމާނުގެ ގެކޮޅުގައި ރޯކޮށްލައިފިއެވެ. އެ ގެކޮޅުގައި ރޯކޮށްލާފައިވަނީ ބަންގްލަދޭޝްގައި މިހާރު ހިންގަމުންދާ ވަގުތީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ހަސީނާ ގޮއްވައިލެއްވުމާ ގުޅިގެންނެވެ. އެކަން ހިންގާފައިވަނީ ބަންގްލަދޭޝްގެ ވެރިކަންކުރާ ޕާޓީ، އަވާމީ ލީގުގެ ރެލީއެއް ކުރިއަށްދަނިކޮށެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ލަކުޑި ގަނޑުތަކާއި، ހޮޅިބުރި އަދި މަރުތެޔޮ ފަދަ އާލާތްތައް ހިފައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހަސީނާގެ ބައްޕާފުޅުގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. އެއް ބަޔަކު ވަނީ އެކްސްކަވޭޓަރު ގެނެސްގެން އިމާރާތުގެ ބައެއް ތަޅާ ވެސް ލާފައެވެ. އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ. ފުލުހުން ބުނާ ގޮތުގައި މި ހާދިސާއަކީ ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވެއެވެ. ގެކޮޅުގައި ރޯކޮށްލާފައިވަނީ ބަންގްލަދޭޝްގެ އާންމު އިންތިޚާބު ކައިރިވަމުން އަންނަ ދަނޑިވަޅެއްގައެވެ. އިންތިޚާބާ ގުޅިގެން އެ ގައުމުގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާ ވަގުތެއްގައި މި ފަދަ ހާދިސާއެއް ހިނގުމާ ގުޅިގެން، ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ބަންގްލަދޭޝްގެ ދަރިވަރުންތަކެއް ހަސީނާއާ ދެކޮޅަށް ކުރި މުޒާހަރާތަކަކާ ގުޅިގެން ހަސީނާ ވަނީ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، ފިއްލަވައިގެން އަވައްޓެރި އިންޑިއާއަށް ވަޑައިގެންފައެވެ. އޭގެ ފަހުން ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް އިސްވެ ހުންނަވައިގެން ވަގުތީ ސަރުކާރެއް ވަނީ އެކުލަވާލާފައެވެ. އިންސާނިއްޔަތާ ޚިލާފު އަސްކަރީ އަދި ސިވިލް އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ އިންސާނިއްޔަތާ ޚިލާދު ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ކުށްތަކަށް އަރައިގެން ތުހުމަތުކޮށް މިދިޔަ އަހަރު އޮކްޓޫބަރު މަހު ވަނީ ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ން ޙަސީނާ އާއި އޭނާގެ ވަޒީރުންނާއި އެޑްވައިޒަރުންނާއި ކުރީގެ އަސްކަރީ އަދި ސިވިލް އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. ހަސީނާގެ ބާއްޕާފުޅުގެ ގެކޮޅަކީ ބައްޕާފުޅާއި އޭނާގެ އާއިލާގެ ގިނަ ބަޔަކު 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ގެކޮޅެކެވެ. ހަސީނާ ވަނީ ފަހުން އެ އިމާރާތް ބައްޕާފުޅުގެ ތަރިކައަށް ޚާއްސަ މިއުޒިއަމަކަށް ބަދަލުކޮށްފައެވެ. ޝެއިޚް މުޖީބުއް ރަޙްމާނަކީ ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރެއްވި އެންމެ އިސް ލީޑަރެވެ. އެ މަނިކުފާނަކީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސެވެ. އަދި، ބަންގްލަދޭޝްގެ ޤައުމީ ބަތަލެއްގެ ގޮތުގައި ފާހަގަކުރާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ