"އަމާޒަކީ މިއަހަރުގެ ނިޔަލަށް 2.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރުން"

އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރީން ރާއްޖެއަށް ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ނިމިދިޔަ، 2024ވަނަ އަހަރެވެ. މިއީ 2023 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅައި ބަލާއިރު 9 އިންސައްތައިގެ އިތުރުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި އަހަރުގެ އަމާޒަކީ، މިއަހަރުގެ ނިޔަލަށް 2.3 މިލިޔަން ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރުންކަމަށެވެ. އަދި މި އަމާޒު ޙާޞިލުކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް މިހާރު ކުރަން ފެށިފައިވާކަމަށްވެސް އެމަނިކުފަނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ އަތޮޅު، ތ އަތޮޅު ފަދަ އަތޮޅުތަކުގައި މިއަހަރުތެރޭގައި އިންވެސްޓްކުރުމަށް ލުއިތައް ދީގެންނާއި، އެ ނޫން އިންސެންޓިވްތައް ދީގެން ރިސޯޓުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.
2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައިފައިވާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރުގެތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ހިމަނާފައިވާއިރު، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް ހުންނާނެކަމަށް ބެލެވެނީ 14.2 މިލިޔަންގައެވެ.
މިއަހަރުތެރޭ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ލަފާކޮށްފައިވާއިރު، 2024 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފައިފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި ސަރުކާރުން ހިފާފައިވާ މި އަމާޒު ނިމިދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ ހާސިލްކުރައްވާފައެވެ. އެހެންކަމުން މިއަހަރަށް ލަފާކޮށްފައިވާ އަދަދަކީ 3 ލައްކަ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުންވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އުދުހުންތަކަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށާފައެވެ. އަދި ވައިޑް-ބޮޑީގެ ދަތުރުތައް ވަނީ ޗައިނާގެ 3 ސިޓީއަކަށް ފަށާފައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ޤައުމީ އެއަރލައިންގެ އިންޓަރނޭޝަނަލް އޮޕަރޭޝަން ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު ގައި ގެނައުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖޭން ދަތުރުތައް ކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ