ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައި އައްޒާއަށް އެހީވުމުގެ ކެމްޕޭނެއް!

ފަލަސްތީނުގެ ޣައްޒާއަށް އެހީވުމުގެ ގޮތުން، އއ. ހިމަންދޫގެ ރައްޔިތުންގެ ފަރާތުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހިމަންދޫގެ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ހިމަންދޫ ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްއިއްޔާތަކާ ގުޅިގެން އިއްޔެ ވަނީ ފަންޑް ރައިޒިން އިވެންޓެއް އެ ރަށުގައި ކުރިއަށް ގެންގޮސްފައިކަމަށެވެ. "ހެލްޕް ގާޒާ- ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހައިރާތީ ހަރަކާތުން ޖުމްލަ 260,800 (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ) ރުފިޔާ ހޯދާފައިވާކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ، މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާކަމަށެވެ. މީގެ ކުރިންވެސް ހިމަންދޫއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ހަދިޔާ ކޮށްފައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ރަށު ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތުން ވެސް 230،000 (ދެ ލައްކަ ތިރީސް ހާސް) ރުފިޔާ ހޯދާފައި ވެއެވެ.
މިފަދަ އިޖްތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން އަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަޚުރުވެރިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެފަރާތްތަކަށް ސްޓެލްކޯ އިން ޝުކުރު އަދާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ