އިޒްރޭލަށް 'ނަރަކަ' ދައްކާލާނެ ކަމަށް އީރާނުގެ އާ ޗީފް ވިދާޅުވެއްޖެ

އިޒްރޭލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ, ކޮމާންޑާ އިން ޗީފް އާއި އިތުރު އޮފިޝަލުންތަކެއް އަވަހާރަ ކޮށްލާފައި ވަނިކޮށް, 'ނަރަކަ' ދައްކާލާނެ ކަމަށް އާ ޗީފް, މޭޖާ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާލުވެއްޖެއެވެ.
އޭނާ މި މެސެޖް ދެއްވީ, އާ ކޮމާންޑާ އިން ޗީފް އަކަށް އައްޔަން ކުރުމާއެކު އީރާނުގެ ފައުޖުތައް ތައްޔާރީ ހާލުގައި އޮތް ކަން ހާމަ ކޮށްދެއްވައި, އެގައުމުގެ ޔޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ އަށް ދެއްވާ ޔަގީން ކަމެއްގެ ގޮތުގައެވެ.
އޭނާ ވިދާޅުވީ, ނުބައި ނުލަފައި އަދި އެއްވެސް ހައިސިއްޔަތެއް ނެތި ބިން ފޭރިގަނެގެން ތިބި ޒަރަނިސްޓް ޔަހޫދީ ދައުލަތަށް ކުޅި ސަމާ ދައްކާލާނެ ކަމަށާއި 'ނަރަކައިގެ ދޮރުތައް ހުޅުވާލާނެ' ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ މުޅި އިޒްރޭލު އަނދާވަރުގެ ހަމަލާތަކެއް ދެއްވާނެ ކަމުގެ އިޝާރާތެވެ.
އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން އާންމުންނާއި ކުޑަކުދިންވެސް ވަނީ މަރުވެފައެވެ.
ހަމަލާތަކާ ގުޅިގެން އީރާނުގެ ރައީސް މައްސޫދު ޕެޒެސްކިއާން ވިދާޅުވީ, އީރާނުން ރައްދު ނުދީ މަޑު ނުތިބޭނެ ކަމަށާއި ރައްދު ވަރުގަދަ ވާނެ ކަމަށާއި އީރާނަށް ހަމަލާ ދެވުނު ކަމުގެ މޮޔަކަން އެހާރުން އިޒްރޭލަށް އިހުސާސް ވާނެ ކަމަށެވެ.
އޭނާ ވަނީ, އީރާނަށް ކުރިމަތިވެފައި މިވާ ހުތޫރަތްތެރި ދަނޑިވަޅުގައި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ރައްޔިތުންނަށް ގޮވާލައްފާއެވެ.
އިޒްރޭލުގެ ހަމަލާއަށް ފަހު އީރާނުގެ ތެރޭގައި ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލަމުން ދާ އިރު, އެތައްހާސް ބަޔަކު ވެރިރަށް ތެހެރާންގެ މަގުތަކަށް އެއްވެ ރައްދު ހަމަލާ އަވަސް ކުރުމަށް ދަނީ ގޮވާލަމުންނެވެ. އެމީހުން އެދެނީ ޔަހޫދީ ބައިގަނޑުގެ ނިދި ފިލުވާލަ ދިނުމަށެވެ.
އިޒްރޭލުގެ ހަމަލާގެ ރައްދުގައި އީރާނުން ހަމަލާއެއް ނުދެވި އުޅެނިކޮށް އިޒްރޭލުން ވަނީ އިތުރު ހަމަލާތަކެއް ދީފައެވެ. އެގޮތުން ތަބްރީޒް އަދި ތެހެރާނަށް ހަމަލާ ދީފައި ވާ ކަމަށް އީރާނުގެ ނޫސްތަކުން ބުނެއެވެ. މިހަމަލާތަކުގެ ތެރެއިން ތަބްރީޒަށް ދިން ހަމަލާގައި 18 މީހަކު މަރުވެފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމަލާ ތަކާ ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލު ކޮށްފައެވެ. މި ބައްދަލުވުމުގައި ހަމަލާތައް ކުށްވެރި ކުރުމުގެ އިތުރުން މާބޮޑު ކަމެއް ކުރެވޭނެ ކަމަށް މުރާސިލުން ނުދެކެއެވެ. މި ކައުންސިލަކީ އެމެރިކާވެސް ހިމެނޭ ކައުންސިލަކަށް ވާއިރު އިޒްރޭލު ކުށްވެރި ކުރާ އެއްވެސް ކަމެއް ފާސްވިޔަކަ އެމެރިކާއަކުން ނުދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ