އެއާ އިންޑިއާގެ ބޯޓު ވެއްޓުމާ ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ އެއާ އިންޑިއާގެ ބޯޓު ވެއްޓުމާ ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ

އެއާ އިންޑިއާގެ ބޮއިންގް 787 މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އަހުމަދުއާބާދުން ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރަމުންދިޔަ މި ބޯޓުގައި 242 މީހުން ތިއްބެވެ. އޭގެ ތެރެއިން ގިނައީ އިންޑިއާ މީހުންނާއި އިނގިރޭސި ރައްޔިތުންނެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު، އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަށް ކުރިމަތިވެފައިވާ މި ހިތްދަތި ހާލަތާ ގުޅިގެން އެމަނިކުފާހު ހިތާމަކުރައްވާ ކަމަށެވެ. މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ އާއެކު ކަމަށް ވެސް ރައީސް ލިޔުއްވާފައިވެ އެވެ.
ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ. އެ ބޯޓު ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓައިލީ ދުރު ދަތުރެއް ކުރުމަށް ކަމަށް ވާތީ އެއްކޮށް ފިއުލް ކޮށްގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޯޓުން އެރި ދުންގަނޑާއެކު އެހައި އަވަހަށް ރޯވެ މުޅި ބޯޓުގައި ހުޅުހިފުމާއި ވެއްޓުނު ސަރަހައްދުގައި އެހައި ބޮޑަށް އަލިފާން ރޯވި ސަބަބަކީ އެއީ ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.
އެ ބޯޓު ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ހޮސްޓަލް އަކަށެވެ. އެތަނުގައި ދިރިއުޅެނީ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންތަކެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ