ބޯޓު ވެއްޓުނު ސަރަހައްދުން އެއް ކަޅު ފޮށި ފެނިއްޖެ

އިންޑިއާގެ އަހުމަދުއާބާދު ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް އިއްޔެ މެންދުރު ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ އެއް ކަޅު ފޮށި އެ ސަރަހައްދުން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އެއާ އިންޑިއާ ބޮއިންގް 787-8 ޑްރީމްލައިނާ ވެއްޓުނީ ބޯޓު ނައްޓާލިތާ ގާތްގަޑަކަށް ނުވަ ވަރަކަށް މިނެޓް ތެރޭގައެވެ. އޭރު ބޯޓު ވަނީ 625 މައްޗަށް އުދުހިފައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަހުމަދު އާބާދުގެ އެއާޕޯޓުކައިރީގައި ހުރި ޑޮކްޓަރުން ދިރިއުޅޭ އިމާރާތަކަށް ބޯޓު ވެއްޓުނުއިރު، 242 މީހުން ބޯޓުގައި ތިއްބެވެ. ނަމަވެސް، އޭ ހާދިސާއިން ސަލާމަތްވީ އެންމެ މީހެކެވެ. https://sun.mv/207250 "ފުރަތަމަ އަހަރެން ވެސް ހީކުރީ މަރުވާން އުޅޭ ކަމަށް، އެކަމަކު ދެން ލޯ ހުޅުވާލުމުން އެގުނީ އަހަރެން އަދިވެސް ދިރިހުރިކަން،" ހާދިސާއިން ސަލާމަތްވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ބުންޏެވެ. އޭނާއަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަނާން ދޭސައި ވިދާޅުވީ، މިހާތަނަށް 265 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. "މަރުވި މީހުންގެ ރަސްމީ އަދަދު އިއުލާން ކުރާނީ ޑީއެންއޭ ޓެސްޓު ނިމުމުން،" ހޯމް މިނިސްޓަރު އަމީތު ޝާހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. އަދި، އިންޑިއާއިން ބޭރުގައި ދިރިއުޅޭ މަރުވި މީހުންގެ އާއިލާގެ މެންބަރުންގެ ޑީއެންއޭ ސާމްޕަލް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/207230 އެއާ އިންޑިއާއިން ބުނީ، ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރި ފްލައިޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގީޒުންގެ ހަތް މީހުންނާއި ކެނެޑާ މީހެއްގެ އިތުރުން 12 ފަޅުވެރިން ތިބި ކަމަށެވެ. އެއާ އިންޑިއާގެ ފްލައިޓް 171 ގެ ކުރިމަތީ ފުރޮޅު ގޮސް އިމާރާތުގެ ތެރެއަށް ވަނީ އެ ތަނުގައި ދިރިއުޅޭ ކުދިން މެންދުރުގެ ކެއުން ކެންޓީގައި ކުރިއަށް ގެންދަނިކޮށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ބޯޓު ވެއްޓުނު ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ. އަދި، އެ ހާދިސާއިން ސަލާމަތްވި ވިޝްވާޝްއާ ވެސް މޯދީ ބައްދަލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ