ގަލްފް އޮފް މެކްސިކޯގެ ނަން ގޫގުލް މެޕްސްއިން ބަދަލުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރަކާ ގުޅިގެން ގޫގުލް މެޕްސްގައި ކުރިން ގަލްފް އޮފް މެކްސިކޯގެ ނަމުގައި އޮތް ސަރަހައްދު ގަލްފް އޮފް އެމެރިކާއަށް ގޫގުލްއިން ރަސްމީކޮށް ބަދަލުކޮށްފިއެވެ.
ޖެނުއަރީ 20 ވަނަ ދުވަހު ނެރުނު ގަރާރުގައި ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއަކީ މިފަދަ ތަންތަނަށް ނަން ދެވޭ ވަރުގެ ޝަރަފުވެރި ގައުމެއް ކަމަށާއި، އެހެންކަމުން ގަލްފް އޮފް މެކްސިކޯ ދެން އޮންނަންވާނީ ގަލްފް އޮފް އެމެރިކާގެ ނަމުގައި ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅޭ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން އަޅާ މިފަދަ ފިޔަވަޅުތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުއިން ދަނީ ފާޑުކިޔަމުންނެވެ.
ޓްރަމްޕް ދެކޭ ގޮތުގައި މުޅި ދުނިޔެއަށްވުރެ އެމެރިކާގެ ގަދަރު މަތިވެފައި އޮންނަންޖެހޭއިރު، އެމެރިކާއިން ބޭނުންވާ ކަންކަން ވަގުތުން ތަންފީޒުކުރެވެން ވާނެއެވެ.
ގަލްފް އޮފް މެކްސިކޯ އަކީ އެޓްލާންޓިކް ކަނޑުގެ އުތުރު ބިތުގައި އޮންނަ ކަނޑުގެ ބައެކެވެ. އޭގެ އިރުމަތީގައި ފްލޮރިޑާގެ ދެކުނު ބިތާއި، އުތުރުން ކިއުބާގެ ހުޅަނގު ބިތާއި، ހުޅަނގުން މެކްސިކޯގެ އިރުމަތީ ބިތް އޮވެއެވެ. މި ކަނޑުގެ ބިމުގެ އަޑިން ނަގާ ތެލާއި ގޭހުގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދީ މުހިންމުކަން ވަރަށް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ