ބޮޑު ދެ ޕާޓީގެ ތާއީދާއެކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ދޭ ބިލު ކޮމިޓީއަށް ބޮޑު ދެ ޕާޓީގެ ތާއީދާއެކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ދޭ ބިލު ކޮމިޓީއަށް

ރަށްރަށުގެ އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބޮޑު ދެ ޕާޓީގެ ތާއީދާއެކު މަޖިލީހަށް ބަލައިގެންފި އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ބަލައި ނުގަންނަން ވެސް އަދި ވަކި ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވެސް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެވެ. ބިލުގައި ހިމަނާފައި ވަނީ ރޯދަ އެލަވަންސް ދިނުމުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގައި ހިމެނުމަށެވެ.
މި އިސްލާހާއެކު އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި ކަންކަން ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބިގެންދާނެ އެވެ.
އޭގެއިތުރުން މާލީ ގޮތުންނާއި އިދާރީ ގޮތުން ޑަބްލިއުޑީސީތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ މާއްދާތަކަށް ވެސް ބިލުގައި އިސްލާހުތަކެއް ހުށަހަޅައި އާ މާއްދާތަކެއް ހިމަނާފައިވެ އެވެ.
އެ ބިލާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށާއި އަންހެނުން ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ފަދަ މާހައުލެއް ގާއިމު ކޮށްދިނުމަށް ކަމަށެވެ.
"މި އޮތީ ހުށަހަޅާފައި ޑަބްލިއުޑީސީތަކަށް ސަރުކާރުގެ އެހެން މުވައްޒަފުންނަށް ލިބޭ ގޮތަށް ޗުއްޓީ ވެސް ލިބޭނެ، ރަމަޟާން އެލެވަންސް ވެސް ލިބޭނެ އެހެނިހެން އެލެވެންސް ވެސް ލިބޭނެ،" ފަލާހު ވިދާޅުވި އެވެ.
އެ މައުލޫގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު، ހުސެއިން ޒިޔާދު ވިދާޅުވީ ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އިނާޔަތާއި ޗުއްޓީ ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އެމްޑީޕީން ވެސް ތާއީދު ކުރާ ކަމަށެވެ. އެގޮތުން ޑަބްލިއުޑީސީގެ ނަމުގައި ކޮމެޓީތަކެއް އެކުލަވާލައި އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މި ގެންނަ ބަދަލުތަކަކީ ވެސް، ހެޔޮ ބަދަލުތަކަކީ އަޅުގަނޑުމެން ގަބޫލު ކުރާ ބަދަލުތަކެއް، ކޮންމެ ރަނގަޅު ކަމަކަށް އަޅުގަނޑުމެން ތާއީދު ކުރަން، އެހެންނަމަވެސް އެ ރަނގަޅުކަން ރަނަގަޅު ގޮތުގައި ދެމެހެއްޓުމަށް ހަމަ ކުރިއެކޭ އެއްގޮތަށް އެމްޑީޕީ ވެސް މަސައްކަތް ކުރާނެ، އަދި ރަޢްޖޭގައި އޮތް އެހެން ސިޔާސީ ޕާޓީތައް ވެސް މަސައްކަތް ކުރަމުން ދާނެ،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ އިސްލާހެއް ޕީއެންސީން މަޖިލީހަށް ހުށަހެޅުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި އެކަމުން ދޭހަ ވަނީ ސަރުކާރަށް ތާއީދު ފަރާތްތަކުން ވެސް ލާމަރުކަޒީ ނިޒާމު މިހާރު ބަލައިގަނެ އެ ނިޒާމު ކުރިއެރުވުމުގެ ވިސްނުން ޕީއެންސީގެ ތެރޭގައި ވެސް އަށަގަންނަމުން ދާކަން ކަމަށެވެ.
އެ ބިލު އިތުރަށް އަލުން ތަޅުމަށް ފޮނުވާނީ ލާމަރުކަޒީ ކޮމެޓީން ދިރާސާ ކުރުމަށްފަހު އެވެ.
ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިދިޔަ ޑިސެމްބަރު މެދުތެރޭގައި އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިީ މި އަހަރުގެ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
އޭގެއިތުރުން ޑަބްލިއުޑީސީގެ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހަދައި، ލޯނު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ