ކެފޭގައި ހިންގި މާރާމާރީ: ތަހުގީގު ނިމެންދެން ނޭޕާލް މީހާ ބަންދުކޮށްފި

މިދިޔަ އަންގާރަ ދުވަހު މާވެޔޮމަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ނޭޕާލް މީހާ، މައްސަލައިގެ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އެއީ ސިދާތާ ގުރުންގް ނަމަކަށް ކިޔާ 24 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ އެ ތަނުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ މެދުގައެވެ. އޭގެ ތެރެއިން ބަންގްލަދޭޝް މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ކަމަށް އޭރު ބުންޏެވެ. މި މައްސަލައިގައި ނޭޕާލް މީހާ މީގެ ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ފަސް ދުވަހަށް ބަންދުކޮށްފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މި ގޮތުން ހެކިންގެ ބަޔާންތަކާއި ސީނަށް ދިޔަ ފުލުހުން ބަޔާންތަކާއި ފޮޓޯތަކާއި، އަނިޔާ ލިބުނު ފަރާތުގެ ހާލަތު ލިޔުމުން ހުށަހަޅާފައިވެއެވެ. ނޭޕާލް މީހާ ހައްޔަރުކުރީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މާރާމާރީގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވިޑިއޯގައި ޒަޚަމުވެފައި އިން ފިރިހެނެއް ކެފޭއެއްގައި އިން މަންޒަރު ފެންނައިރު، އެމީހާގެ އަތުގަޔާއި ގަމީހުގައި ލޭހުރި ތަން ފެނެއެވެ. އަދި ކެފޭ ތެރޭގައި އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ވެސް އެއް ވީޑިއޯއިން ފެނެއެވެ. ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތައް އިތުރުވަމުން އަންނައިރު، މިފަހުން އާޓިފިޝަލް ބީޗުގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އެހެންވެ، އިމިގްރޭޝަނުން ވަނީ އާންމު ސަރަހައްދުތަކުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން އިތުރުވާތީ، ހަމަނުޖެހުން ހިންގާ ސަރަހައްދުތައް ސިލްސިލާކޮށް މޮނީޓަރުކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ