މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާބެހޭ ކުއްލި މައްސަލަ ބަލައިނުގަތް

އެ މައްސަލާއާ މެދު ބަހުސް ކުރަން ނުފެންނަ ކަމަށް 43 މެމްބަރުން ވޯޓު ދެއްވުމުން، އެ މައްސަލަ ވަނީ ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ.
މުޅި މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުނު މައްސަލާގައި ކަންބޮޑުވުންފާޅުކޮށް، އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލޭންނާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު 1:00 ޖަހަށް އުޅެނިކޮށެވެ. އޭގެފަހުން އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދެމުން އައިސް، މުޅި މާލެއަށް ކަރަންޓު ދެވިފައިވަނީ އިރުއޮއްސި 6:00 ޖެހި ފަހުންނެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝަމްހީދު އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ދިޔުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެވެ. އަދި އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިޔުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.މީގެއިތުރުން މާލެ ސަރަހައްދުން ކަރަންޓު ދިޔުމުގެ ސަބަބުން މި ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ގެއްލުންވެ، އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ސަބަބުން އެތައް ޓޫރިސްޓުންނަށް ބުރޫ އަރައި، މުއާސަލާތީ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ފުރުސަތު ވެސް އޮތް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.އެހެންކަމުން، މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ މައްސަލާގައި އޭނާ ހުށަހެޅުއްވި އެވެ.
ނަމަވެސް، އެ މައްސަލައާ މެދު ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން އެކަމަށް ތާއީދުކުރެއްވީ އެންމެ ނުވަ މެމްބަރުންނެވެ. އެ މައްސަލާއާ މެދު ބަހުސް ކުރަން ނުފެންނަ ކަމަށް 43 މެމްބަރުން ވޯޓު ދެއްވުމުން، އެ މައްސަލަ ވަނީ ބަލައިނުގަނެ، ބޭރުކޮށްލައިފަ އެވެ. 
ކަރަންޓު ދިއުމުގެ ސަަބަބުން މާލޭގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި ކުދިން ގެއަށް ފޮނުވާލަން ޖެހުނެވެ. ކަރަންޓް ކެނޑުމަށްފަހު ސްޓެލްކޯ އިން އެންމެ އިސްކަމެއްގެ ގޮތުގައި ކްރިޓިކަލް އިންފްރާސްޓްރަކްޗާ އާއި ހޮސްޕިޓަލްތަކަށް ވަނީ ކަރަންޓު ދީފަ އެވެ.ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ނޭނގޭ ކަމަށެވެ. ކަރަންޓު ކެނޑުމާއެކު މަސައްކަތް ފެށީ އަވަހަށް ކަރަންޓު ދިނުމަށް ކަމަށް ވެސް ބުންޏެވެ. ސްޓެލްކޯއިން ބުނީ މާލެ އާއި ހުޅުމާލެ އާދެމެދު ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، މާލެއަށް ބޭނުންވާ ލޯޑު ނުފިހެއްޓުނީ ކަމަށެވެ. ގްރިޑަށް ދިމާވި ސީދާ މައްސަލަ އަދި ސާފުނުވިޔަސް، މައި އެއްވެސް ސިސްޓަމަކަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ޔަގީންކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. 
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކޮށް ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު، އެކަން ސްޓެލްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ފުލުހުން ވެސް ވަނީ ބަލަން ފަށައިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ