މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް މެދުވެރިކޮށް ކަމަށް ކަނޑައަޅައި ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވަގު މެމްބާޝިޕް ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ މިދިޔަ ޖެނުއަރީ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ ބޮޑުވީ ސަރުކާރު ހިންގާ ޕީއެންސީން ގިނަ ބަޔަކަށް ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ކަމަށް ބުނާތީ އެވެ.
ތަފްސީލް - ޕާޓީތަކުގެ ގަވާއިދަށް މިގެނައި އިސްލާހާ އެކު ޕާޓީއަށް މީހުން ވެއްދުމަށް އިތުރު ފޯމެއް ބޭނުމެއް ނުވާނެ އެވެ.
މީގެ ފަހުން ޕާޓީއަކަށް ވަންނަން ބޭނުންވެއްޖެ ނަމަ ކަންތައް ކުރަން ޖެހޭ ގޮތް:
އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ 'މައި ޕޯޓަލް'އަށް އީފާސް މެދުވެރިކޮށް ލޮގިން ވުން
އޭރުން ޕާޓީތަކަށް ވަންނަން ބޭނުންވާ ފޯމުތައް ފެންނަން ހުންނާނެ
ބޭނުންވާ ޕާޓީއެއްގެ ފޯމް ފުރުމުން އީސީން ޕާޓީއަށް އެކަން އަންގާނެ
އިސީން މިއަދު އާންމު ކުރި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 10 ވަނަ އިސްލާހުގައި ބުނެފައިވާ ގޮތުގައި:
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން އީފާސް މެދުވެރިކޮށް ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގައިވާ އެ ފަރާތުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގެ އިގުރާރުވާން ވާނެ
ފާހަގަކޮށްލެވޭ - އީސިން ކުރިން ބުނެފައިވާ ގޮތުގައި، އެ ގޮތަށް ގަވާއިދު ބަދަލުކުރަން ނިންމީ ވަގު މެމްބާޝިޕް ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވެއްދުން ހުއްޓުވުމަށެވެ.
"މިހާރު މި ހުށަހަޅަނީ ފިޒިކަލް ފޯމު. އެއަށް ބައިވަރު ފީޗާތައް އަޅުގަނޑުމެން އެޑްކޮށްފިން. އެކަމަކު ވަގު ފޯމުގެ މައްސަލަ ހައްލެއް ނުވޭ. އެހެންވެ މިހާރު އޮންލައިންކޮށް ބަޔޯމެޓްރިކޮށް ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު މިކުރަނީ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އީފާސް މެދުވެރިކޮށް ފޯމް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކުރަން މި މަސައްކަތް ކުރަނީ،" 'ދައުުރު'އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވެ އެވެ.
ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގެ ކަންބޮޑުވުން އީސީން އަބަދުވެސް ކުރެ އެވެ. މިދިޔަ މަހުގެ ތެރޭގައި އެކަމާ ގުޅޭ 400އަށް ވުރެ ގިނަ ޝަކުވާ އެ ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.
މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް މެދުވެރިކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ