އިޒްރޭލާއި އިރާންގެ ދެމެދުގައި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި، އެ ދެ ގައުމާ އިންވެގެން އޮތް ޖޯޑަންގައި ތާށިވި ގައުމީ ޓެނިސް ޓީމު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.
ޖޯޑަންގައި، މި މަހުގެ 16 އިން 21 އަށް ކުރިއަށްގެންދިއުމަށް ރާވާފައި އޮތް ބިލީ ޖީން ކިންގް ކަޕް (ދި ވޯލްޑް ކަޕް އޮފް ޓެނިސް)ގައި ވާދަކުރަން، ރާއްޖޭގެ ޓެނިސް ޓީމުގެ 11 މެމްބަރުން، ޖޯޑަން އަށް ދިޔައީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ޓީމުގެ މެމްބަރުންގެ ގޮތުގައި ތިބީ، ހަތަރު ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިންނެވެ.
ޓެނިސް ޓީމު، ޖޯޑަން އަށް ދިޔައީ އިޒްރޭލުން އިރާނަށް ހަމަލާ ދިނުމާ އެކު، ދެ ގައުމުގެ މެދުގައި ހަމަލާ ފެށި ވަގުތުގެ ތެރޭގަ އެވެ. ހަނގުރާމައިގެ ކަންކަން ވަރުގަދަވެ، ޖޯޑަންގެ ބޯޑަރު އެއްކޮށް ބަންދުކުރި އެވެ. ބަންދުކުރުމާ އެކު، ދިވެހި ޓީމުން، ސައުދީ އަރަބިއްޔާގެ އެމްބަސީއާ އެކު ވެސް މުއާމަލާތްތަކެއް ކުރެވިގެން، މަސައްކަތް ކުރީ އެއްގަމު މަގުން، ޓެކްސީއެއްގައި، ސައުދީ އަރަބިއްޔާ އަށް ދިއުމަށެވެ.
ބޯޑަރު ބަންދުވެފައި އޮތުމުން، ސައުދީ އަރަބިއްޔާ އަށް ދިއުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމާ އެކު، ޓެނިސް ޓީމުން މަސައްކަތް ކުރީ، ރާއްޖެ އައުމަށް، އެއްވެސް ފުރުސަތެއް އެއާލައިނެއް މެދުވެރިކޮށް އޮތްތޯ އެވެ. ރާއްޖޭގެ ޓީމު ޖޯޑަން އަށް ދިއުމަށް ބޭނުންކުރި، ފްލައި ދުބާއީގެ ފްލައިޓްތައް ޖޯޑަން އިން އެއްކޮށް ކަހަލަ ގޮތަކަށް ކެންސަލް ވަމުންދިޔައިރު، އުންމީދެއް ލިބުނީ، ރޯޔަލް ޖޯޑަން އެއާލައިނުން ދުބާއީ އަށް ދަތުރުތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެންދިއުމާއެކުގަ އެވެ.
އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށް، ޓެނިސް ޓީމުގެ ބެލެނިވެރިން ފާހަގަކޮށްފައިވާއިރު، ޖޯޑަން އިން ދުބާއީ އަށް ދިޔައީ އިއްޔެ އެވެ. އަދި، ދުބާއީގައި ޓްރާންސިޓް 13 ގަޑިއިރެއްވަރު މަޑުކުރުމަށް ފަހު މިއަދު ހެނދުނު ވަނީ، މާލެ އަތުވެފަ އެވެ.
ޓެނިސް ޓީމަށް އޮލިމްޕިކް ކޮމިޓީ، ސްޕޯޓްސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އެކަމާ ގުޅޭގޮތުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު، (ރާއްޕެ) "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ވަރަށް ގާތުން މި ކަމާ ގުޅޭގޮތުން، ޓެނިސް އެސޯސިއޭޝަނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިދިޔަ ދެ ދުވަހު ވެސް މި އަންނަނީ އިގްނާޒް (ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް)އާ އެކު މި ކަމުގެ ވާހަކަތައް ދައްކަމުން، މިނިސްޓްރީން ވަނީ ދިމާވި ހާލަތާ ގުޅިގެން، ޓެނިސް ޓީމު އެނބުރި ގެންނަން އެ ދޭން ޖެހޭ މާލީ އެހީތެރިކަން ދޭން ނިންމައިފައި، ވާހަކަ ދެކެވެމުން މި ދަނީ، ދެން، އެ މީހުން އެނބުރި އައުމުގެ ދަތުރު ފަތުރުގެ (ޓިކެޓް) ވެސް ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޓެނިސް ޓީމު، ޖޯޑަންގައި ތިބިއިރު، އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ވަނީ އެ ޓީމާ ބައްދަލުކޮށްފަ އެވެ.
ޖޯޑަންގައި ތާށިވި ޓެނިސް ޓީމު ރާއްޖެ އަތުވެއްޖެ ޖޯޑަންގައި ތާށިވި ޓެނިސް ޓީމު ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ