ދައުލަތަށް ލިބުނު އާމްދަނީ 17 ބިލިއަން ރުފިޔާއަށް އަރައިފި

މިއަހަރު ތެރޭ ދައުލަތަށް އާމްދަނީގެ ގޮތުގައި 16.96 ބިލިއަން ރުފިޔާ ލިބުނު އިރު، ހަރަދުގެ ގޮތުގައި 15.68 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި މަހުގެ 12 ވަނަ ދުވަހާ ހަމަައަށް ވަނީ 16،959.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އާމްދަނީއަށް ބަލާއިރު ޓެކްސްގެ ގޮތުގައި ވަނީ 13،153 މިލިއަން ރުފިޔާ ލިިބިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 15،999.5 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާއި މިއަހަރު ލިބުނު އާމްދަނީ އަށް ބަލާއިރު، 5 ޕަސެންޓްގެ ކުރިއެރުމެކެވެ.
މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ދައުލަތުން ވަނީ 15،678.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ހަރަދުގެ ގޮތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 14،174.5 މިލިއަން ރުިޔާ ހަރަދުކޮށްފައިވާ އިރު، އޭގެތެރެއިން މުސާރައާއި އެހެނިހެން އިނާޔަތްތަކަށް ވަނީ 6،008.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ހިންގުމުގެ ހަރަދަށް ވަނީ 8،161.9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ބަޖެޓް ޕްރައިމަރީ ބެލެންސް 3،355.2 މިލިއަން ރުފިޔާ އަރަނި ވެފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް ވަނީ 2،212.4 މިލިއަން ރުފިޔާ ޑެފިސިޓްގައެވެ. މި އަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާއިން އަރަނި ވެފައިވީ ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 4.4 ބިލިއަން ރުފިޔާގެ ޑެފިސިޓްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ