ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމަށް ބާއްވާ ހަފްލާ ހޯމަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބާއްވާނެ ކަނަށް އެމްޑީޕީން އިއުލާނުކޮށްފި އެވެ.
އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ހަފްލާ ފެށޭނީ ހޯމަ ދުވަހުގެ ރޭ 9:00 ގައި ކަމަށެވެ. ހަފްލާ ކުރިއަށް ދާނީ ސަލްޓަން ޕާކުގެ ލިލީ މަގާއި ދިމާލަށް އޮންނަ ސްޓޭޖް ސަރަހައްދުގަ އެވެ. އެމްޑީޕީން ވަނީ މި ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފަ އެވެ.
މި ޖަލްސާ ސަލްޓަން ޕާކުގައި ބާއްވަން ނިންމާފައި މިވަނީ ޖަލްސާ ބާއްވާނެ ތަނެއް ހޯދުމަށް ކުރި މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށް އެމްޑީޕީން ބުނި ފަހުންނެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބުރާސްފަތި ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯމަ ދުވަހާ ހަމައަށް އިތުރު ތަނެއް ހަމަޖައްސައި ނުދީފިނަމަ ޖަލްސާ ބާއްވާނީ މުލީއާގޭ ކަންމަތީގައި ކަމަށެވެ.
ފައްޔާޒުގެ ޕޯސްޓަށްފަހު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އިއްޔެ ވަނީ ޖަލްސާ ބާއްވަން ސަލްޓަން ޕާކު ދޫކުރިކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފަ އެވެ.
ޖޫން 17، ގައި ނަޝީދާއި ޑިމޮކްރެޓުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ ސިޔާސީ ކަންކަމުން ދުރުވެ މިވަގުތު ގާނާގައި ދިރިއުޅުއްވާ ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ބޭއްވި ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއްގަ އެވެ.
ޖެހިގެން އައި ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި ހުރިހާ މެންބަރުންހެން ބޭނުންވީ ނަޝީދާއި ޑިމޮކްރެޓުންނަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.
އެ ރޭގެ ބައްދަލުވުމަށްފަހު މި ނޫހާ ވާހަކަދައްކަވަމުން ފައްޔާޒު ވެސް ވިދާޅުވީ އެމްޑީޕީގެ ރޫހު ހުރީ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ކަމަށެވެ.
ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ. ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދާއި ޑިމޮކްރެޓުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ބާއްވާ ހަފުލާ ހޯމަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ނަޝީދާއި ޑިމޮކްރެޓުންނަށް މަރުހަބާ ކިޔަން އެމްޑީޕީން ބާއްވާ ހަފުލާ ހޯމަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ