ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދިޔަ ޕިރަމިޑް ސްކީމް ހުއްޓާލައިފިއެވެ.
ޖެމްކިޔު ސްކީމަކީ ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓް ކުރެވޭ އެއްޗަކަށްވާއިރު ދިވެހީންގެ ތެރޭގައި މި ސްކީމް އާންމުވެފައި މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި ފާއިތުވި ދެތިން މަހެއްގެ ތެރޭ ވަރަށް ބޮޑަށް ވައިގެ ހިފާލި މި ސްކީމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ބުނެ ދިވެހި ފުލުހުން ވެސް ވަނީ މިދިޔަ ހަފްތާ ތެރޭ އެ ސްކީމަށް އިންވެސްޓް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އޭގެ ދެ ދުވަސް ފަހުން ފެންމަތިވެގެން ދިޔައީ އެކި މީހުން އިންވެސްޓް ކޮށްފައިވާ އެތައް ފައިސާއެއް ވިތްޑްރޯ [ނުނެގޭ] ނުކުރެވޭ މައްސަލައެވެ. ނަމަވެސް އެ ސްކީމް ހިންގަމުންދިޔަ ވެރިން ބުނަމުން ދިޔައީ ދިމާވި މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި އެއީ ސްކޭމެއް ނޫން ކަމަށެވެ. އަދި ގިނަ ބަޔަކު އެގޮތަށް އުންމީދުކޮށްގެން ތިއްބާ، ފަހުން ފައިސާ ނެގުނެވެ.
މި ސްކީމް ބޭނުން ކުރަމުންދިޔަ މީހުންނަށް އެއީ މާ ބޮޑު ކަމަކަށް ނުވެ މިލިއަނުން އަނެއްކާވެސް އިންވެސްޓްތައް ކުރަން ފެށިއެވެ. އެކަމަކު އަނެއްކާ މިއަދު މިވަނީ މުޅި ސްކީމް ހުއްޓާލާ އިންވެސްޓް ކުރި ހުރިހާ ފައިސާއެއް ނެގޭނެ ގޮތް ނުވެފައެވެ. އަދި މި ސްކީމް ހިންގުމަށް ބޭނުންކުރާ ރަސްމީ ޓެލެގްރާމް އެކައުންޓުގައި ވެސް އެކަން ހާމަ ކޮށްފައި އެބަ ވެއެވެ.
އެގޮތުން ޓެލެގްރާމް އެޑްމިން ގުރޫޕަށް ހިއްސާ ކުރި މެސެޖެއްގައި ބުނީ، ޖީއެމްސީއީގެ މާކެޓިން ޑިޕާޓްމަންޓުގެ ފަރާތުން ޖަވާބެއް ނުލިބޭތީ މި ސްކީމާ މެދު އުންމީދު ގެއްލިފައި ވާކަމަށެވެ. އަދި އޭގެ ބަދަލުގައި އެޑްމިން އާއި އޭނާގެ ޓީމް ލީޑަރުން އެހެން ޕްރޮޖެކްޓެއްގައި ބައިވެރިވެފައި ވާކަމަށް ބުނެ އިތުރު ސްކީމެއްގައި ބައިވެރިވުމަށް އެދި ގިނަ ބަޔަކަށް ދަނީ ދައުވަތު ދެމުންނެވެ.
މިކަމާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ސްކީމަށް އިންވެސްޓް ކުރި އެތައް ބަޔަކަށް މިވަނީ ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސްކީމަށް އިންވެސްޓް ކުރި ފައިސާ ދެން ނުނެގޭނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ވަނީ ރާއްޖޭގައި ޖެމްކިޔު ޕްރޮމޯޓުކުރުމުގައި އުޅޭ 7 ވަރަކަށް މީހުންގެ މައުލޫމާތު ހޯދައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގާފައި އެބަހުއްޓެވެ. އަދި އެފަދަ ބައެއް ސްކީމްތަކުން ފުރަތަމަކޮޅު ބޮޑު ފައިދާއެއް ނެގުމަށްފަހު ފަހުން އެތައް ހާސް ޑޮލަރެއް އިންވެސްޓް ކުރުމުން އެފައިސާ ނުލިބި އެބަހުއްޓެވެ.
އެތައް ދިވެހީންނަށް 'ކެހި' ދިނުމަށްފަހު ޖެމްކިޔު ސްކީމް ހުއްޓާލައިފި، މިހާރު މުޅިން އާ ސްކީމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ