ހައްދުފަހަނައެޅި ޔަހޫދީން އީރާނުގެ ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގޮވާލަައްވައިފި

ތުރުކީވިލާތުގެ އިސްތަންބޫލުގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި، ހައްދުފަހަނައެޅި ޔަހޫދީން އީރާނުގެ ބިންތަކަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގޮވާލައްވައިފިއެވެ.
ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، މުޅި ޣައްޒާ ސުންނާފަތިކޮށްލުމަށްފަހު ޔަހޫދީ ބާރުތަކުން އީރާނުގެ ބިންތަކަށް މިހާރު ދެމުންދާ ހަމަލާތަކަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްހައަށް ދިން އިތުރު ހަމަލާތަކެއް ކަމަށެވެ. އަދި އިސްރާއީލުގެ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ.
"އަޅުގަނޑުމެން މިހާރު ޢަމަލު ނުކޮށްފިނަމަ ތާރީޚުން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނެ. އުއްމަތް އަޅުގަނޑުމެންނަށް ބަލަނީ އެއްބާރުލުން ހޯދުމަށް. ނިކަމެތިން އެމީހުންގެ އަޑަކަށް ވުމަށް ބަރޯސާވަނީ އަޅުގަނޑުމެންގެ މައްޗަށް. އަޅުގަނޑުމެންގެ ކުރިމަތީގައި ހިނގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެންނަން އެބަޖެހޭ," ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ޚާރިޖީ ވަޒީރުގެ ތަޤުރީރުގައި، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް މިއަހަރުގެ އޭޕްރީލްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީވެސް ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖެއިން ވަކާލާތުކުރާ ކުރުން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ