ނަތަންޔާހޫގެ ސަރުކާރަކީ މެދުއިރުމަތީގެ ސުލްހައަށް އޮތް ބޮޑު ހުރަހެއް: އުރުދުޢާން

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަކީ މުޅި މެދުއިރުމަތީގެ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔަބް އުރުދުޢާން ވިދާޅުވެއްޖެއެވެ.
އުރުދުޢާން މިފަދައިން ވިދާޅުވެފައި މިވަނީ ތުރުކީ ވިލާތުގެ އިސްތަންބޫލްގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އުރުދުޢާން ވަނީ ޔަޙޫދީ އިޒުރޭލުން އިސްވެ އީރާނަށް ދިން ހަމަލާތަކަކީ އެމެރިކާއާއި އީރާނާއި ދެމެދު ފަށާފައިވާ ނިއުކުލިއަރ އެއްބަސްވުންތަކަށް ގަސްތުގައި ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެކަމުން ވެސް ދޭހަވަނީ ޖައްބާރު ނަތަންޔާހޫގެ ސަރުކާރުން މައްސަލަތައް ޑިޕްލޮމެޓިކްކޮށް ހައްލުކުރަން ބޭނުންނުވާކަމަށާއި މުޅި މެދުއިރުމަތި މުސީބާތެއްގެ ތެރެއަށް ވައްޓާލުންނޫން ވިސްނުމެއް ނަތަންޔާހޫގެ ނެތްކަމަށް އުރުދުޢާން ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގާނޫނާއި އދގެ މުއާހަދާތަކާ ހިލާފުނުވާ ގޮތުގެ މަތިން ޔަހޫދީ އިޒުރޭލަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް މުސްލިމް ޤައުމުތަކަށް އުރުދުޢާން ވަނީ ގޮވާލައްވާފައެވެ.
އީރާނަށް ވައިގެ މަގުން ހަމަލާތައް ދެމުންދާއިރު، އިޒުރޭލުން ދަނީ ޢައްޒާއަށް ވައިގެ މަގުންނާއި އެއްގަމުން ހަމަލާތައްދީ މައުސޫމު އެތަކެއްބައެއް ޝަހީދު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ