ޖިބްރީލްގެފާނާއިމެދު ޞައްޙަ މަޢުލޫމާތު ލިބިފައިވުމަކީ ދީނުގެ ޙުކުމްތަކަށް ލޯބިކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ތަޢާލާގެ ޙަޟްރަތުން ވަޙީ ގެނެސްދެއްވެވުމުގެ އިތުރުން ޖިބްރީލްގެފާނު ވަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވަވައި އުންމަތަށް ވަރަށް ގިނަ ހެޔޮ ކަންކަމަށް ވަޞިއްޔަތްފުޅުވެސް ކުރައްވަވައިފައެވެ.
ޖިބްރީލް ޢަލައިހިއްސަލާމަކީ މާތް ﷲ ޞުބުޙާނަހޫ ވަޠަޢާލާ އެންމެ ފުރަތަމަ ޚަލްޤުކުރައްވާ ރޫޙެއްދެއްވި މަޙްލޫޤެވެ. އަދި ސުވަރުގެއާއި ނަރަކައަށްވުރެވެސް ކުރިން މާތްﷲ ޖިބްރީލްގެފާނު ޚަލްޤުކުރެއްވެވިއެވެ. ( ބުޚާރީ )
ޖިބްރީލްގެފާނަށް ރޫޙުލް އަމީނާއި ރޫޙުލް ޤުދުޞްގެ ނަމުންވެސް ނަން ދެވިފައިވެއެވެ.
ކީރިތި ރަސޫލާ صلي الله عليه وسلم އަށް ޖިބްރީލް ޢަލައިހިއްސަލާމް އަސްލު ސިފަފުޅުގައި ފެނިވަޑައިގެންނެވީ ދެފަހަރެވެ. އަދި އިންސާނެއްގެ ސިފައިގައި ވަޑައިގަންނަވާއިރު ދިއްޔާ ބިން ކަލްބީ ގެ ސިފަފުޅުގައި ވަޑައިގަންނަވާކަމަށްވެއެވެ. ދިއްޔާ ބިން ކަލްބީ އަކީ ކީރިތި ރަސޫލާ صلي الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން އެންމެ ރިވެތި ސޫރަ ލިބިގެންވާމީހާއެވެ. އަދި އޭނާ އަށް ބަނޫ ކަލްބުގެ ޔޫސުފްއޭވެސް ކިޔާއުޅުނެވެ. އެއި ޔޫސުފުގެފާނަކީވެސް އެކަލޭގެފާނުގެ ޒަމާނުގައި ރީތިކަމަށް މަޝްހޫރު ބޭކަލެއްކަމުގައިވާތީއެވެ.
ޖިބްރީލްގެފާނުގެ 600 ފިޔަފުޅު ހުންނަކަމަށްވެއެވެ. އަދި ކޮންމެ ފިޔަފުޅަކުންވެސް މުތީއާއި ޖަވާހިރު ވެރޭކަމަށްވެއެވެ. އަދި ޖިބްރީލެގެފާނުގެ ބިޔަކަމުން، މުޅި އުދަރެސްމަތި ފޮރުވިގެންދެއެވެ. ( އިބްނު ކަޘީރު )
ޖިބްރީލް ޢަލައިހިއްސަލާމް އެންމެ ފުރަތަމަ ކީރިތި ރަސޫލާ صلي الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވީ އެކަލޭގެފާނު ތުއްޕުޅުއިރެވެ. އަނަސް އިބުނު މާލިކު ރަޟިޔަﷲ ޢަންހު ރިވާކުރެއްވެވިއެވެ.
ކީރިތި ރަސޫލާ صلي الله عليه وسلم ކުދިންތަކަކާއިއެއްކޮށް ކުޅުއްވަން އުޅުއްވަނިކޮށް ޖިބްރީލްގެފާނު އެކަލޭގެފާނު އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ މޭފުޅު ފަޅުއްވާ، ހިތްޕުޅުނެންގެވުމަށްފަހު، ޒަމްޒަމްފެނުން ދޮވެލެއްވިއެވެ. އަދި އަލުން އަނބުރާ އެކަލޭގެފާނުގެ ހިތްޕުޅު އެކަލޭގެފާނުގެ މޭފުޅު ތެރެއަށް ލެއްވެވިއެވެ. އޭރު އެކަލޭގެފާނު އަރިހުގައި ކުޅުއްވަން އުޅުނު ކުދިން އެކަލޭގެފާނުގެ ކިރުމައިކަމަނާގެ އަރިހަށް ގޮސް އެކަލޭގެފާނު އަވަހާރަކޮށްލައްވައިފިކަމަށް ބުންޏެވެ. އަދި އެމީހުން އަނބުރާ އެކަލޭގެފާނުގެ އަރިހަށް ދިޔައިރު، އެކަލޭގެފާނުގެ ކުލަފުޅު ހުރީ ބަދަލުވެފައެވެ. އަދި އެކަލޭގެފާނުގެ މޭފުޅުގައި ފަހާފައިވާ ކަމުގެ ނިޝާން ފެންނަކަމަށް އަނަސް އިބުނު މާލިކު ވިދާޅުވިއެވެ.
ހިރާ ފަރުބަދައިގައި އެކަލޭގެފާނަށް އެންމެފުރަތަމަ ވަޙީ ބާވާލެއްވެވީވެސް ޖިބްރީލްގެފާނެވެ. އެހެނި، ޖިބްރީލްގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. މާތްވެގެންވާ ރަމަޟާން މަހުގައިވެސް އެކަލޭގެފާނު އަރިހަށް ޖިބްރީލްގެފާނު ފައިބައިވަޑައިގަންނަވައެވެ.
އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. " އެންމެ ދީލަތި މީހާއަކީ ކީރިތި ރަސޫލާ صلي الله عليه وسلم އެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެވޮޑިގެންވާނީ ރަމަޟާން މަހުގައެވެ. އެއީ ޖިބްރީލް ޢަލައިހިއްސަލާމް ކޮންމެ ރެއަކު އެކަލޭގެފާނު އަރިހަށް ފައިބައިވަޑައިގެން، އެކަލޭގެފާނާއިއެކު ކީރިތި ޤުރުޢާން އުނގެނިވަޑައިގަންނަވާތީއެވެ. ހަމަކަށަވަރުން، ކީރިތި ރަސޫލާ صلي الله عليه وسلم ޖިބްރީލް ޢަލައިހިއްސަލާމާއި ބައްދަލުވެވަޑައިގެންފިނަމަ ޖައްވުގައިވާ ވަޔަށްވުރެވެސް އެކަލޭގެފާނު ދީލަތިވެވޮޑިގެންވާނެތެވެ "
ސޫރަތުލް ބަޤަރާގެ 97 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ކަލޭގެފާނު ވިދާޅުވާށެވެ! ޖިބްރީލްގެފާނަށް ޢަދާވާތްތެރިއަކު ކަމުގައިވާ މީހަކީ، ﷲ އަށް ޢަދާވާތްތެރިޔަކުކަމުގައިވާ މީހެކެވެ. އެހެނީ، ޖިބްރީލްގެފާނު އެކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެޤުރުއާން ގެނެސްދެއްވީ ﷲ ގެ އިޛުނަފުޅަށެވެ. އޭގެ ކުރިން ބާވާލެއްވި ފޮތްތަށް ތެދުކުރާ ޙާލުގައެވެ. މުއުމިންތަކުންނަށް ތެދުމަގެށް ކަމުގައްޔާއި އުފާވެރި ޚަބަރެއްކަމުގައެވެ."
https://quranacademy.io/blog/jibreelas-prophet-muhammad-%EF%B7%BA/
ޖިބްރީލްގެފާނާއިމެދު މިކަންކަން އެނގުމަކީ ފައިދާކުރާނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ