ލަންޑަން (މެއި 10) - ފީފާ ވިމެންސް ވޯލްޑް ކަޕްގައި، 2031 ވަނަ އަހަރުން ފެށިގެން 48 ޓީމު ވާދަކުރާ ގޮތަށް ބަދަލުކުރަން ފީފާ ކައުންސިލްގެ ވޯޓަކުން ނިންމައިފި އެވެ.
ކުރިން 24 ޓީމާ އެކު ބާއްވަމުން އަންނަ ފީފާ ވިމެންސް ވޯލްޑް ކަޕް، 2023 ވަނަ އަހަރު ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި ބޭއްވީ 32 ޓީމާ އެކު އެވެ. އެ އަށް ފަހު، 32 ޓީމު ހިމަނައިގެން ބާއްވާ ވިމެންސް ވޯލްޑް ކަޕްގެ ފަހު މުބާރާތް، އޮންނާނީ 2027 ވަނަ އަހަރު ބްރެޒިލްގަ އެވެ.
ފިރިހެނުންގެ ވޯލްޑް ކަޕްގައި ވެސް 48 ޓީމު ވާދަކުރާ ގޮތަށް، އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ މުބާރާތުން ފެށިގެން އޮތްއިރު، މިހާރު އޮތްގޮތުން، 2031 ވަނަ އަހަރު 48 ޓީމާ އެކު، އަންހެނުންގެ ފުރަތަމަ ވޯލްޑް ކަޕް ވެސް ބާއްވާނީ، އެމެރިކާގަ އެވެ. އަދި، 2035 ވަނަ އަހަރުގެ ވިމެންސް ވޯލްޑް ކަޕްގެ ވޯޓުގެ ކަންކަން އަންނަ އަހަރު ފައިނަލްވެގެންދާއިރު، އެ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރަން ސައްހަ ބިޑެއް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ، އިންގްލެންޑް، ވޭލްސް، ސްކޮޓްލެންޑް އަދި އަޔަލެންޑް ހިމެނޭ ގޮތަށް ކުރި ބިޑެކެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ވިމެންސް ވޯލްޑް ކަޕްގައި ޓީމު އިތުރު ކުރަނީ، އިތުރު 16 ގައުމަކަށް ފުރުސަތު އިތުރުކުރުމުގެ ބޭނުމަށް ވުރެ، މި މުބާރާތުގެ ހައިބަތު ބޮޑުކޮށް ވާދަވެރިކަން އިތުރުކުރުމުގެ ގޮތުން ކަމަށެވެ.
ވިމެންސް ވޯލްޑް ކަޕްގައި 48 ގައުމަށް ފުރުސަތު ދޭން ފެށުމުން މުބާރާތް ކުރިއަށްދާނީ 12 ގްރޫޕް ހިމެނޭ ފޯމެޓަކުންނެވެ. އަދި، ކުރިން 64 މެޗުން ނިމޭ ވޯލްޑް ކަޕްގައި ދެން ޖުމްލަ އެކު، 104 މެޗު ކުޅެވޭއިރު، މުބާރާތް ދިގުވެގެންދާނީ ކުރިއަށް ވުރެ ހަފްތާ އެކެވެ.
އެންމެ ފަހުން، 2023 ވަނަ އަހަރު ބޭއްވި ވިމެންސް ވޯލްޑް ކަޕް އިންގްލެންޑް ބަލިކޮށް ކާމިޔާބުކުރީ ސްޕެއިން އެވެ.
ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވެސް 48 ޓީމު ވާދަކުރަނީ ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވެސް 48 ޓީމު ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ