ހަނގުރާމަ ހުއްޓާލުމުން އިންޑިއާ އާއި ޕާކިސްތާނަށް ރާއްޖެއިން މަރުހަބާ

އިންޑިއާ އާއި ޕާކިސްތާނާން ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެ ދެ ގައުމަށް މަރުހަބާ ދަންނަވައިފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން އެ ދެ ގައުމުގެ އޮފިޝަލުން ނިންމިކަން އިއުލާންކުރީ މިއަދު އެވެ.
އެގޮތުން އެ ދެ ގައުމުން ވެސް ނިންމާފައިވަނީ ހަމަލާ ބަދަލުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން މިނިސްޓަރު ހަލީލު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމުގެ ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުން ސަރަހައްދީ ހަމަޖެހުން އިސްކޮށް، މަޝްވަރާ އާއި ސުލްހައިގެ މަގު ހިޔާރުކުރިކަން ފާހަގަކުރައްވައި ހަލީލު ވަނީ އެކަމަށް ތައުރީފު ކުރައްވާފަ އެވެ.
ތަފްސީލު - އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއުލާން ކުރެއްވި ގޮތުގައި ދެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ޑިރެކްޓަރު ޖެނެރަލް ހޮނިހިރު ދުވަހުގެ މެންދުރު ފަހު މަޝްވަރާ ކުރައްވައި، ބިމާއި ވައިގެ އަދި ކަނޑުގައި ހިންގާ ހުރިހާ ހަނގުރާމައެއް ހުއްޓުވުމަށް އެއްބަސްވެވަޑައިގަތީ އިންޑިއާގެ ސްޓޭންޑަޑް ގަޑިން ހަވީރު 5 (ޖީއެމްޓީ 11:30) އިން ފެށިގެންނެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ޖިއޯ ޓީވީއަށް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި "ފުރިހަމަ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް" ތަމްސީލުކުރާ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމާ ގުޅިގެން ދެ ގައުމުން ވެސް އަސްކަރީ ޗެނަލްތަކާއި ހޮޓްލައިންތައް އެކްޓިވޭޓްކޮށްފައިވާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ