މަރުކަޒީ ބޭންކު، އެމްއެމްއޭން ފައިސާ ޗާޕު ކުރާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށް، ވެރިކަން ކުރާ ބާރުގެ ފަރާތުން ކުރާ ކަންތައް ހިނގާ ނުހިގާ ގޮތް ބަލައި ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ވާޖިބު އަދާ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 10 ވަނަ ދުވަހު މެންބަރު ޝަމްހީދު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ގަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި އެވެ. ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ތަފްސީލް - ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި، ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގައިވާ ބިމެއް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު، އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދިނުމަށް ހުޅުމާލޭން ބިން ގަތުމަށް އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެ ގަރާރުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުން، އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ ވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދަންޖެހޭ އެއްވެސް މަގުބޫލު ސަބަބެއް ނޯންނާނެ އެވެ. މި މުއާމަލާތް ހިންގަން ނިންމުމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެ އެވެ.
މިދަފަ މުއާމަލާތެއް ހިންގައިގެން އެމްއެމްއޭން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލުުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް އެމްއެމްއޭން ސަރުކާރަށް ފައިސާ ނެގުން ކަމަށް ވެސް ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ޝަމްހީދުގެ ގަރާރުގައި އިތުރަށް ވިދާޅުވީ މިއީ އެމްއެމްއޭގެ މިނިވަންކަން ގެއްލި، ރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިއީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް އެކަންކަމުގެ ބޭރުން މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލާ ކުރާ ކަމެއް ކަމަށް ވެސް ގަރާރުގައިވެ އެވެ.
މިއީ ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އުފުލޭނެ ކަމެއްކަން ފާހަގަކުރައްވައި އެ ގަރާރުގައި ޝަމްހީދު ވިދާޅުވީ މިއީ ދައުލަތާއި ރައްޔިތުންގެ މާލީ ކަންކަން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ރައްޔިތުންނަށް އޮޅުވާލައިގެން ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އެމްއެމްއޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ފައިސާ ޗާޕުކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ކުރާ ނަމަ ކުރާނީ ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް އެނގޭނެހެން ކަމަށް ވިދާޅުވެފަ އެވެ.
ފައިސާ ޗާޕުކުރުމާ ގުޅޭ ގަރާރު ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ