ކޯރާޑިއަކުން ހަމަލާދިން މައްސަލަ: ދެ މީހުންނަށް ދައުވާ ކުރަން ފޮނުވައިފި

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. އެ މާރާމާރީ ހިންގާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރެވެ. ފުލުހުން ބުނީ، އެ ރޭ ބޯގަންވިލާ މަގުގެ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ސައިކަލެއްގައި ގޮސް ކޯރާޑިއަކުން ހަމަލާދިން ކަމަށެވެ. އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގައެވެ. އެއީ: ރުސްތުމް އިބްރާހިމް، ހީނާމާގެ، ގދ. ފިޔޯރީ (25އ) ސައިފްﷲ ފައިޞަލް، ފިނިފެންމާގެ، ބ. ގޮއިދޫ (19އ) އެ މައްސަލައިގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން މިއަދު މައްސަލަ ބަލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ. އެ މައްސަލައަކީ ގޭންގުތަކާ ގުޅިފައިވާ މައްސަލައެއް ފުލުހުން ބުނެފައިނުވެއެވެ. https://sun.mv/204500 ހޯމް މިނިސްޓްރީން މިފަހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި 83 ގޭންގު އުފެދިފައިވާއިރު، އެ ގޭންގުތަކުގައި 97 ކުޑަކުދީން ވެސް ޝާމިލުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ