ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން، މުސާރަ އާއި އިނާޔަތްތަކަށް މަހަކު 900،000ރ. ރައީސް އޮފީހުގެ މީޑިއާ ޓީމުގައި 35 މުވައްޒަފުން، މުސާރަ އާއި އިނާޔަތްތަކަށް މަހަކު 900،000ރ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ނޫސްތަކަށް މައުލޫމާތު ދިނުމަށާއި މީޑިއާގެ އެހެން މަސައްކަތްތަކަށް ހާއްސަކޮސްފައި އޮންނަ ޓީމުގައި ޖުމްލަ 35 މުވައްޒަފުން ތިބި ކަން ހާމަވެއްޖެ އެވެ.
އެ އޮފީހުން މިދިޔަ މަހު އަދާހަމަކޮށް ނެރެފައިވާ މުވައްޒަފުންގެ ލިސްޓު، އަދަދު ނޫހުގެ ނޫސްވެރިން ބެލުމުން އެނގުނު ގޮތުގައި މި ޓީމުގައި ރައީސް އޮފީހުގައި މީޑިއާ އަދި ކޮމިއުނިކޭޝަނަށް ހާއްސަކޮށްފައިވާ ވަޒީރުގެ އިތުރުން ފޮޓޯ އަދި ވީޑިއޯ ނަގާ މީހުން ހިމެނެ އެވެ.
މި ލިސްޓުގައި ހިމަނާފައިވާނީ ރައީސް އޮފީހުގެ ލިސްޓުގައި ސީދާ ކޮމިއުނިކޭޝަންސް ޔުނިޓުގައި ނުވަތަ މީޑިއާގެ އެކި މަސައްކަތްތައް ކުރާކަން ފެންނާން ހުރި ފަރާތްތަކެވެ. އެއްވެސް ތަފުސީލެއްނެތި ޖަހާފައި ތިބި އަންޑަ ސެކްރެޓަރީންނާއި ޑިރެކްޓަރުންގެ ތެރެއިން މީޑިއާގެ މަސައްކަތް ކުރަނީ ކިތައް ފަރާތްކަން ސާފެއް ނޫނެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މީޑިއާ ޓީމުގައި ހިމެނޭ 35 ފަރާތަށް ދައުލަތުގެ ބަޖެޓުން މަހަކު 913،222ރ. ހަރަދުކުރެ އެވެ. އެއީ އަހަރަކަށް 11 މިލިއަން ރުފިޔާ އެވެ. ރައީސް މުއިއްޒުގެ ފަސް އަހަރުގެ ވެރިކަމުގައި އެމަނިކުފާނުގެ މީޑިއާ ޓީމަށް 55 މިލިއަން ދައުލަތުން ހަރަދުކުރާނެ އެވެ.
މީގެ ތެރެއިން އެންމެ މަދުން މުސާރައާއި އިނާޔަތްތައް ލިބޭ ފަރާތަށް ވެސް 15،000ރ. ލިބެ އެވެ. މި ޓީމުގެ އެވްރެޖް މުސާރައަކީ 26،000ރ. އެވެ.
ރައީސް އޮފީހުގައި މިވަގުތު 349 މުވައްޒަފުން އެބަތިއްބެވެ. އެހެންކަމުން ރައީސް އޮފީހުގެ ޖުމްލަ މުވައްޒަފުންގެ 10 އިންސައްތަ އަކީ އެ އޮފީހުގެ މީޑިއާ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ