ހަނގުރާމަ ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފި

ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. އެހެންވެ، ހަނގުރާމަ ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެއެއް ނުވެވޭނެއެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ސަރުކާރުން އެކަން އިއުލާނުކުރިއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ. އެހެންވެ، ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެންނާށެވެ. ބިލު ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)އަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ. އެ ބިލުގެ މަސައްކަތް ލަސްވާތީ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވެސް އެތައް ފަހަރަކު ހުށަހެޅިއެވެ. ސަރުކާރުގެ ނިންމުމަށް 316 ދުވަސް ފަހުން، ބިލަށް މައިގަނޑު ދެ އިސްލާހެއް ގެނެސް އިއްޔެ 241 ކޮމިޓީން ވަނީ ބިލު ފާސްކޮށްފައެވެ. ކޮމިޓީން ނިންމީ އިޒްރޭލް މީހުން އެތެރެވުން މަނާކުރުމުގެ ބަދަލުގައި އެ ގައުމުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރާށާއި ހަމަލާތައް ހުއްޓާލަން ދެން އެ ފިޔަވަޅު ބާއްވާށެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މަޖިލީހުގެ ތަޅުމުގައި މިއަދު އެމްޑީޕީގެ މެންބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ބިލު ހުށަހެޅުއްވި މެންބަރު މީކާއިލް ވެސް ވަނީ ބިލަށް ބަދަލުގެނައީ މަގުސަދު އޮޅޭ ގޮތަށް ކަމަށާއި މިހާރު ބިލު އޮތް ގޮތުން އިޒްރޭލުގެ ވެރިންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެރެވެވޭނެ ކަމަށާއި އެއީ ފަލަސްތީނަށް ކުރި މަލާމާތެއް ކަމަށް އެނާ ތުހުމަތުކުރެއްވިއެވެ. އެކަމަކު، ކޮމިޓީން ފާސްކުރި ގޮތަށް އިޒްރޭލް ޕާސްޕޯޓު މަނާކުރާ ބިލު ފާސްކުރަން ވޯޓަށް އެހުމުން ތަޅުމުގައި ހާޒިރުވެ ތިއްބެވި ހުރިހާ މެންބަރުން ވެސް ވަނީ ބިލަށް ވޯޓުދެއްވާފައެވެ. އެ ގޮތުން، ތަޅުމުން ބިލު ފާސްކުރީ ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެހެން ގައުމެއްގެ ޕާސްޕޯޓުގައި އިޒްރޭލު މީހުން އެތެރެވުން މަނާނުކުރަން ނިންމާފައިވަނީ އެއީ ތަންފީޒުކުރެވޭނެ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ވެސް ކޮމިޓީގައި ބުނެފައި އޮއްވައެވެ. އިމިގްރޭޝަނުން ވަނީ އެ އިދާރާއަށް މީހަކު ރާއްޖެ އެތެރެވާން ހުށަހަޅާ ޕާސްޕޯޓު ނޫން އިތުރު ޕާސްޕޯޓެއް އޮވޭތޯ ނުބެލޭނެ ކަމަށް ބުނެފައެވެ. މަޖިލީހުގެ ކޮމިޓީން އިޒްރޭލު ޕާސްޕޯޓުގެ މައްސަލަ ނިންމާފައި މި ވަނީ އެކަން ކުރަން ނިންމައި، ސަރުކާރުން އިއުލާނުކުރިތާ 300 އެތައް ދުވަހެއް ފަހުންނެވެ. އެ ކަމާ ނުރުހުން ފާޅުކުރައްވާ އެމްޑީޕީން ކުއްލި މައްސަލަ ވެސް އެކި ފަހަރުމަތިން ހުށަހެޅިއެވެ. އަދި، ލަސްވާ ސަބަބު ސާފުކުރެއްވުމަށް މެންބަރު މީކާއިލް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސީޓީއެއް ވެސް ފޮނުއްވިއެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. ޕީއެންސީން މީގެ ކުރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ އެ ކަމަށްޓަކައި ފުޅާ ދާއިރާއެއްގައި ދިރާސާކުރާތީ ކަމަށް ވެސް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ