ސަގާފީ ކުޅިވަރު ކުޅުމަކީ މައްސަލައެއް ނޫން، އެކަމަކު މުންކަރާތްތަކުން ދުރުހެލިވާންވާނެ: ޝަހީމް
އަޟްހާ އީދުގެ މުނާސަބަތުގައި ސަގާފީ ކުޅިވަރު ކުޅުމަކީ މައްސަލައެއް ނޫން ކަމަށާއި، އެހެން ނަމަވެސް މުންކަރާތްތަކުން މުސްލިމުން އެއްކިބާވާންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އީދު ބަންދު ފެށުނީ މިދިޔަ ހުކުރު ދުވަހެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ސަގާފީ ކުޅިވަރުތަކާއެކު ކުލަގަދަ ގޮތެއްގައި އަބަދު ވެސް އީދުތައް ފާހަގަ ކުރެއެވެ. ނަމަވެސް ބައެއް އީދު ހަރަކާތްތަކުގެ ތެރެއިން އިޖުތިމާއީ މިންގަނޑުން ބޭރު ކަންތައްތައް ފާހަގަވެ، އާންމުންގެ ފާޑުކިޔުން އަމާޒުވެއެވެ. އެފަދަ މައްސަލަތަކަށް އިޝާރާތް ކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އީދަކީ މި އުންމަތަށް ﷲ ދަރުމަ ކުރެއްވި އެންމެ މަތިވެރި އެއް ޝިއާރު ކަމަށެވެ. އަޟްހާ އީދަކީ އިސްލާމްދީނުގެ އެންމެ ބޮޑު އަޅުކަމާ ގުޅިގެން އަންނަ އީދެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މި އީދަކީ ﷲ މަތިވެރިކުރުމަށް އޮތް އީދެއް ކަމަށެވެ. އީދުގައި ސަގާފީ ކުޅިވަރުތައް ކުޅުމަކީ މައްސަލައެއް ނޫން ކަމަށާއި، އެ ކަމަކު އެ ކަންކަމުގެ ނަމުގައި ކުރާ މުންކަރާތްތަކާއި ބަދުއަޚުލާގީ ކަންކަމުން މުސްލިމުން އެއްކިބާވާންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަހަރުގެ އީދު ބަންދު ފެށުމުގެ ކުރިން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ލޯކަލް ގަވަނަންސް މިނިސްޓްރީން ވެސް ވަނީ އިޖުތިމާއީ މިންގަނޑުގެ ތެރެއިން އީދުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނަސޭހަތްތެރިވެފައެވެ. ޢީދު ބަންދަށް ފަހު، ސަރުކާރު ހުޅުވޭނީ އަންނަ އަންގާރަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ