އޭޝިއަން ބީޗް ގޭމްސް 2026: ރާއްޖޭގެ އަރީޝާއާއި އަނާލްގެ ޕެއާއިން ސީރިއާ ބަލިކޮށްފި

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި، ރާއްޖޭގެ އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ ވަނީ ސީރިއާ ބަލިކޮށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ. މިއީ މި ޕެއާ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރާ ފުރަތަމަ މުބާރާތަށްވީއިރު، ސީރިއާގެ މަގޭއާ އައްޝައިހް އަދި ލުއީޒާ މޫސާގެ ޕެއާއާ ދެކޮޅަށް ރާއްޖޭގެ ޓީމުން މޮޅުވީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 21-10 އިން ފަސޭހަކަމާއެކު އަރީޝާ އާއި އަނާލް ގެންދިޔައިރު، ދެވަނަ ސެޓުގައި ސީރިއާ އިން ލީޑު ނަގާފައި އޮއްވާ ރާއްޖޭގެ ޕެއާ އިން ވަނީ ކުޅުން ރަނގަޅުކޮށް 21-15 އިން ސެޓު ކާމިޔާބުކޮށްފައެވެ. އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އައިމިނަތު އަރީޝާ އާއި ފާތިމަތު އަނާލްގެ ޕެއާ-- ފޮޓޯ: އެމްއޯސީ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާއަކުން ވާދަކުރަމުންދާއިރު، މިއަދު ވަނީ ހުރިހާ ޓީމުތަކެއްގެ މެޗުތައް ވެސް ކުޅެފައެވެ. ފިރިހެން ޑިވިޜަންގައި އަހުމަދު މުހައްމަދާއި އިބްރާހީމް ރާކިންގެ ޕެއާ ލާއޯސް އަތުން ބަލިވީ 21-17 އަދި 21-16 އިންނެވެ. އަދި ރާއްޖޭގެ ތަޖުރިބާކާރު ޕެއާ ކަމަށްވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ވަނީ އުޒްބަކިސްތާނުގެ ވަރުގަދަ ޕެއާއަކާ ދެކޮޅަށް ވާދަވެރި ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެ މެޗުން ރާއްޖެ ބަލިވީ 21-18 އަދި 21-16 އިންނެވެ. އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ-- ފޮޓޯ: އެމްއޯސީ އަންހެން ޑިވިޜަންގެ އަނެއް މެޗުގައި ރާއްޖޭގެ ޒުވާން ޕެއާ ކަމަށްވާ މަރިޔަމް ރިޝްފާ އާއި އައިޝަތު އިޝްފާއު ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ރަނގަޅު ހިތްވަރެއް ދައްކާފަ އެވެ. ބަންގްލަދޭޝް އަތުން ދެ ސެޓުން ބަލިވި ނަމަވެސް، ސެޓުތައް ދިޔައީ 21-15 އަދި 21-19 ފަދަ ގާތް ނަތީޖާތަކަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ