އަތޮޅުތަކުގައި ކީމޯ ތެރަޕީ ފެށުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް: ރައީސް

ކެންސަރު ބަލީގެ ފަރުވާއަކަށް އަތޮޅުތަކުގައި ކީމޯތެރަޕީ ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު، މި ބައްޔާ ހިތްވަރާއެކު ކުރިމަތިލަމުންދާ ފަރާތްތަކަށާއި، ބަލިން ފަސޭހަވެފައިވާ ފަރާތްތައް ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށާއި، އެ ފަރާތްތަކުން ދައްކުވައިދޭ ސާބިތުކަމަކީ އަޅުގަނޑުމެން އެންމެނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މި ނުރައްކާތެރި ބަލީގައި ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ދިއުމަކީ، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކޮށް، ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއްކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކެންސަރާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށުންކަމަށެވެ. އެއީ މީގެ ސަބަބުން މާލެއިން ބޭރުގައި ދިރިއުޅޭ ބަލިމީހުންނަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ މަގު ފަހިވެ، ނަފްސާނީ ގޮތުންނާއި މާލީ ގޮތުން އާއިލާތަކުން އުފުލަންޖެހޭ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. 
އެ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. މިއީ މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 4 ވަނަ ހޮސްޕިޓަލެވެ. 
މީގެ އިތުރުން، ސިއްހީ ޚިދުމަތްތެރިންނާއި، މަދަނީ ޖަމިއްޔާތަކުން ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ފޯރުކޮށްދޭ އަގުނުކުރެވޭ ފަދަ އެހީތެރިކަމާއި، ދެއްވާ އުންމީދާއި އިރުޝާދަށްޓަކައި އެ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ. 
އާސަންދައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ