އަދަދު ނޫހުގެ ސިޔާސީ ކާޓުންނަމާދަށް ފުރައްސާރައެއް ނުކުރާ ކަމަށާއި އެފަދަ ކާޓޫނުތަކާ ގުޅިގެން އަމިއްލަ މާނައެއް އީޖާދުކޮށްގެން ފިޔަވަޅު އަޅުމަކީ ޑިކްޓޭޓަރުންގެ ސިފައެއް ކަމަށް، ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ހުސައިން އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަދަދު ނޫހުގެ ފޭސްބުކް އަދި އެކްސްގައި ޝާއިޢުކުރި އެ ކާޓޫނާ ގުޅިގެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް މީހުން ހިމެނޭހެން ކާޓޫނަށް ފާޑުކިޔުން ދާއިރު، އެ ކާޓޫނުގައި އެއްވެސް މައްސަލައެއް ނެތް ކަމާއި ކާޓޫނުން ދައްކުވައި ދެނީ މުޖުތަމައުގެ ހާލަތު ކަމަށް ބައެއް މީހުން ބުނެ އެވެ.
ސިޔާސީ ކާޓޫނާ ގުޅިގެން އިލްޔާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިކްޓޭޓަރުންގެ ދަށުލުމުގެ މަންޒަރު ސިފަކޮށްދޭ ކާޓޫނެއް ތަސްވީރު ކުރުމަކީ އެއްވެސް ހާލެއްގައި ނަމާދަށް ފުރައްސާރަ ކުރުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ކާޓޫނާއި ޅެމުގެ މާނަ އަބަދުވެސް އޮންނާނީ އެ އުފެއްދި ކަލާކަމީއެއްގެ "ބަނޑުތެރޭގައި" ފޮރުވިފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ކާޓޫނާއި ޅެމުގެ މާނަ އޮންނާނީ އެކުރެހުން ތެރިޔާގެ ބަނޑުތެރޭގައެވެ. ފޮރުވިފައެވެ. މަޖުހޫލުކޮށެވެ. ވީމާ އެފަދަ އަސްލެއް ނެތް މާނައެއް ނަގައި އީޖާދުކޮށްގެން ގާނޫނީ، ޝަރުއީ ފިޔަވަޅު އެޅުމަކީ ހުދުމުޚްތާރު ސިފައެކެވެ. ޑިކްޓޭޓަރުންގެ ސިފައެކެވެ!!،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ވައްކަމާއި ރިޝްވަތުގެ ވަދާ ބޮޑުވެފައިވާ މަންޒަރު ސިފަކޮށް ދިނުމަށް ކުރަހާފައިވާ އެ ކާޓޫނު ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި ވާތީ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.
އެ "ކާޓޫނު އެއްގޮތަކަށް ވެސް ނަގާކަށް ނުޖެހޭ" ކަމަށް އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފު ވިދާޅުވި އެވެ. އަދި މައްސަލަ ބަލާނެ އުސޫލެއް އެކުލަވާނުލައި ކާޓޫނު ނެގުމަށް ނޭންގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދަދުގެ ކާޓޫނުން ނަމާދަށް ފުރައްސާރައެއް ނުކުރޭ، ފިޔަވަޅު އެޅުމަކީ ޑިކްޓޭޓަރުންގެ ސިފައެއް: އިލްޔާސް އަދަދުގެ ކާޓޫނުން ނަމާދަށް ފުރައްސާރައެއް ނުކުރޭ، ފިޔަވަޅު އެޅުމަކީ ޑިކްޓޭޓަރުންގެ ސިފައެއް: އިލްޔާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ