ދަރަނީގެ މައްސަލައިގައި ގޮނޑި ގެއްލުނު ސިނާނު، އަލުން ޕީއެންސީ ޕްރައިމަރީގައި ވާދަކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވަނިކޮށް، އަލުން އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އޭނާ މިރޭ އިއުލާނުކުރައްވައިފިއެވެ. އެހެން ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާއި އެއްގޮތަށް ދަރަނި ނުދައްކާތީ މަޖިލިސް މެންބަރުކަމުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅައި، މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމްކޮށްފައެވެ. https://sun.mv/220494 އެއާއެކު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި, ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު އޮތީ އެ ޕާޓީން ހުޅުވާލައިފައެވެ. އެފަހުން މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވަނީ އަލުން ޕީއެންސީގެ އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ. "މި އިންތިޚާބުގައި އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ލޮބުވެތި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިޚްލާސްތެރި އެއްބާރުލުމަށް އަޅުގަނޑު ނުހަނު ބޮޑަށް އެދި ދަންނަވަން،" އެ ޕޯސްޓުގައި ސިނާން ވިދާޅުވިއެވެ. ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، މިހާރު އެ އަދަދުން އެއް މެންބަރަކު އެ މަދުވީއެވެ. ހަމައެއާއެކު މިއީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. ގާނޫނު ބުނާގޮތުން މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅާތާ ފަސް ދުވަސް ތެރޭގައި އެ ގޮނޑިއަށް އިތުރު މެންބަރަކު ހޮވަން ބާއްވާ އިންތިޚާބަށް އިއުލާން ކުރަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި އެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. އެއާއެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވަން އިއުލާނުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރުމަށް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. https://sun.mv/220504 "ސިޔާސީ މަސައްކަތުގައި އުޅޭއިރު އަބަދުވެސް ބަލާނެ އެ މަސައްކަތުގައި ދެމިހުރެ، އަދި އެއާ އެއްކޮށް ކުރިއަށް ދިއުމަކީ އެންމެން ވެސް ކުރާނެ މަސައްކަތެއް، އެ މަސައްކަތުގައި މި އުޅެނީ، އެހެންވީމާ ސިޔާސީ މަސައްކަތް ކުރުމުގައި އައްޑޫގެ ރައްޔިތުންނަށް 10-12 ވަރަކަށް އަހަރު ސީދާ މި ސިޓީގެ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރެވި، ގާނޫނުހަދާ މަޖިލީހުން މި ފުރުސަތެއް ހުޅުވުނީމަ (ރައްޔިތުންނަށް ޚިދުމަތްކުރުމަށް) އެ ފުރުސަތު ބޭނުންވެގެން މި ޝައުގުވެރިވީ،" އެ ގޮނޑިއަށް ވާދަކުރައްވާނެކަން ހާމަކުރައްވައި ސޯބެ ވިދާޅުވިއެވެ. ހިތަދޫގެ ގިނަ ރައްޔިތުން، އޭނާ އެ ދާއިރާއަށް ވާދަކުރައްވަން އެދޭ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ