ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ވީޑިއޯ ވިއްކާ ދިވެއްސަކު ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އާދަމް ޢަދްލާން ލަޠީފް (22އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 އޭޕްރީލް 5 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ތަހުގީގު ފަށާފައިވަނީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި، އެ ވޮލެޓުން އާދަމް ޢަދްލާން ލަޠީފްގެ ކްރިޕްޓޯ އެކައުންޓަށް ވަނީ ފައިސާ ފޮނުވާފައެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ވަނީ ފެނިފައެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ. ކުޑަކުދިންގެ ކަރާމާތަށް އުނިކަންލިބޭ ގޮތަށް އެކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ