މަޒުހަބީ ތައައްސަބުގެ ތެރެއަށް މުޖުތަމައު ވެއްޓުނަ ނުދީ: ޝަހީމް

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދިނުމަށާއި މަޒުހަބީ ތައައްސަބުގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެން ދިއުމަށް ފުރުސަތު ނުދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ސުންނީ، ޝީއީ މަޒުހަބީ ބަހުސެއް ކުރިއަށް ދަނިކޮށް ޝަހީމް މިއަދު ވަނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ތަފްސީލް - މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި ގުރުއާނާއި ސުންނަތާއި ސަލަފުއް ސޯލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާ އެކު ދެމިތިބި ބައެއް ކަމަށެވެ.
"ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމިއޮންނާނެ، އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި އިލްމުވެރިންގެ އަރިހުން އެދެން،" ޝަހީމް ވިދާޅުވި އެވެ.
"ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް ވެސް އިލްތިމާސްކުރަން. އަދި ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން ވެސް އިލްތިމާސްކުރަން."
ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށް ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވަނީ ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުކެއްކުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ގުޅުން ހުރި - ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި ދީނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް އިސްލާމިކް މިނިސްޓަރު ޝަހީމް އިލްތިމާސްކުރެއްވި އިރު، ސުންނީންނާއި ޝިއީންގެ ބަހުސްއަކީ މުސްލިމުންގެ އަދުއްވުން މުސްލިމް އުންމަތް ބައިބައިކުރަން ކިޔާ އެއްޗެއް ކަމަށާއި އެކަކު އަނެކަކު ކާފަރު ކުރުމަކީ އިސްލާމްދީނުގެ ސިފައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިފަހުން ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ