އިންތިހާބުގެ ކުރިން ހަންކެޑެ ޕްރޮޖެކްޓު ފަށަން މަސައްކަތް ކުރަނީ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އައްޑޫ ހަންކެޑެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އައްޑޫ ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ހުޅުވާލި ފުރުސަތުގައި ތުރުކީ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މަރަދޫން ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އަޒާން ވިދާޅުވީ މި ސަރުކާރުން އައިސް ހަންކެޑެ ޕްރޮޖެކްޓް ހުއްޓުވި ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެމްޑީޕީ ވެރިކަމުގައި ހަންކެޑެ ޕްރޮޖެކްޓު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޕްރޮޖެކްޓު ހިންގުމަށް ކަމަށެވެ.
ނަމަވެސް އެ ޕްރޮޖެކްޓު ހަވާލުކުރި ކުންފުންޏަށް އެ ފައިސާ ނުހޯދުނީ އެމްޑީޕީ ސަރުކާރުން ރާއްޖެ ދަރަނިވެރިކޮށްފައި އޮތުމުގެ ސަބަބުން ކަމަށާއި، ކުރީ ސަރުކާރުގައި އެކި ބޭކާރު ކަންކަމަށް ލޯނުތައް ނަގަމުން ގޮސްފައިވުމުގެ ސަބަބުން ރާއްޖެއަށް ލޯނުތައް ލިބުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.
"އެހެންވީމަ ހަންކެޑެ ޕްރޮޖެކްޓު އޭރު ހަވާލުކުރި ފަރާތުގެ އަތުން ކެންސަލްކޮށް އެހެން ބަޔަކަށް ދޭން ސަރުކާރުން ނިންމަން ޖެހުނީ،" އަޒާން ވިދާޅުވި އެވެ.
އަޒާން ވަނީ ކައުންސިލް އިންތިހާބުގެ ކުރިން ހަންކެޑެ ޕްރޮޖެކްޓު ބަޔަކާއި ހަވާލުކޮށް އަދި އެ ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.
"ކައުންސިލް އިންތިހާބުގެ ކުރިން އެހެން ގައުމެއްގެ ބަޔަކާއި އެ ޕްރޮޖެކްޓު ހަވާލުކޮށް، ކައުންސިލް އިންތިހާބުގެ ކުރިން އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށޭތޯ ސަރުކާރުން ދަނީ ވަރަށް ބާރަށް މަސައްކަތް ކުރަމުން،" އަޒާން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ