މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އަދަދު މިމަހު ތިންބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސައީދު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލުކުރީ، ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ދަތިތައް ދިމާވާކަން ފާހަގަކުރާ ކަމަށާއި އެކަން މިހާތަނަށް އައިރު ހައްލުނުވެ އޮތީ ކީއްވެތޯ އެވެ.
ބުނީ ކީކޭ؟ - އެ ސުވާލު ތަކުރާރުކޮށް އެކި ފަހަރުމަތިން ކުރަމުން އަންނަކަން ފާހަގަކުރައްވައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ، މިދިޔަ ތިން މަސްދުވަހު ވިޔަފާރިވެރިންނަށް ބީއެމްއެލްއިން ފައިސާ ދޫކޮށްފައިވާ ގޮތުގެ ތަފާސްހިސާބުތަކެއް ދެއްވާފަ އެވެ.
އެގޮތުން، އޭނާ ވިދާޅުވީ:
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އަސާސީ ބޭނުންތަކަށް މުދާ ގެނައުމަށާއި އެހެން ވިޔަފާރީތަކުގެ ބޭނުމަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން 106.2 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކާފައިވޭ؛ މިއީ ގާތްގަނޑަކަށް އެވްރެޖުކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އަދި މިިދިޔަ އަހަރާ އަޅާބަލާއިރު %142ގެ އިތުރުވުމެއް
މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޓީޓީއަށް 38،528 ޑޮލަރު ވިޔަފާރިވެރިންނަށް ދޫކޮށްފައިވޭ؛ މިމަހު އެކަނި ފޮނުވި ޓީޓީގެ އަދަދު އުޅެނީ 6،539 ޑޮލަރުގައި
ފުރަތަަމަ ތިން މަސްދުުވަހުގެ ތެރޭގައި ކްރެޑިޓް އަދި ޑެބިޓް ކާޑުގެ މުއާމަލާތްތަކަށް، 119.9 މިލިއަން ޑޮލަރު ބީއެމްއެލްއިން ވިއްކާފައިވޭ؛ އެއީ މަަހަކަށް 40 މިލިއަން ޑޮލަރު. މިއީ މިދިޔަ އަހަރާ ބަލާއިރު %23 އިތުރު އަދަދެއް
ސައީދު ވިދާޅުވީ، ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށާއި ހިދުމަތްތަކަށް ބޭރަށް ފޮނުވާ ފައިސާ މި މަހު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. އެކަމަކު، ރާއްޖެ އެތެރެވާ ފައިސާ ތިންބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އެތެރެވާ ބޭރު ފައިސާގެ އަދަދު ދަށްވެފައިވަނީ ރާއްޖެއަށް ފަތުރުވެރިން އައުން މަދުވެފައިވާތީ ކަމަށް ސައީދު ވިދާޅުވި އެވެ.
"ބޭންކަށް ރާއްޖެއިން ބޭރުން އަންނަ ފައިސާ އަދި ފޮނުވާ ފައިސާއަށް އައިސްފައިވާ ބަދަލާ އެކު، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިންގެ ކެންސަލޭޝަން އަދި ޓޫރިސްޓު ސްޕެންޑިން ދަށްވުމުގެ ސަބަބުން، އެނގިވަޑައިގަންނަވާނެ ހަނގުރާމައާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދަށްވެފައި ވަނީ. ބޭރުން އަންނަ ފައިސާ އޭޕްރީލު މަހު ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދަށްވެފައިވަނީ،" އޭނާ ވިދާޅުވި އެވެ.
"މާނައަކީ އިންކަމް ދަށްވިޔަސް، ބޭރަށް ފޮނުވާ ފައިސާ ދެގުނަ އިތުރުވެފައިވާކަން ބީއެމްއެލްގެ ހިސާބުތަކުން ދައްކާ. އެހެންކަމުން، އެޕްރީލް މަހު 165 މިލިއަން ޑޮލަރުގެ ނެޓް އައުޓްފްލޯ، އިތުރަށް ބޭރުވެގެންދާނެ. އެއީ ބީއެމްއެލްއިން ދޭ މައުލޫމާތު."
ބޭރު ފައިސާގެ އަދަދު މި މަހު ތިންބައިކުޅަ އެއްބައި ވަނީ ދަށްވެފައި: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ