މެދުއިރުމަތީގެ ތެލާއި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރަށް އީރާނުން ދޭ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ސަޕްލައިކުރުމަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެކަމުގެ ކަންބޮޑުވުންތަކާ އެކު، ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
ބްރެންޓް ކްރޫޑްގެ އަގު 8.54 ޑޮލަރު ނުވަތަ %9.28 މައްޗަށް ގޮސް، ފީފާއެއްގެ އަގު 100.52 ޑޮލަރަށް ވަނީ އަރާފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު 7.22 ޑޮލަރު ނުވަތަ %8.28 މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 94.47 ޑޮލަރަށް އަރާފަ އެވެ.
މީގެ ކުރިން ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 119.50 ޑޮލަރަށް އެރިއިރު، މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގު މިއަށް ވުރެ ވެސް މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ވަނީ ދީފަ އެވެ.
"ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުމަށް ތައްޔާރުވޭ. ސަބަބަކީ ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް ކަމަށްވެފައި، އެ ސަލާމަތްތެރިކަން ނަގާލާފައިވާތީ،" އެމެރިކާއަށް އަމާޒުކޮށް ވާހަކަދައްކަވަމުން އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ތެލުގެ އަގު މިހާ ބޮޑަށް އުފުލުނީ ގަލްފް ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މީގެ ތެރޭގައި އިރާގުގެ ތެޔޮ އުފުލާ ބޭރުގެ ދެ ޓޭންކަރަކަށް ގޮވާތަކެތި ހުރި ބޯޓުތަކަކުން ހަމަލާދިނުމުގެ ސަބަބުން، އިރާގުގެ ކަނޑުގެ ސަރަހައްދުގައި އެ ދެ ޓޭންކަރުގައި އަލިފާން ރޯވުން ހިމެނޭ ކަމަށް އިރާގުގެ ޕޯޓް އޮފިޝަލުން ބުނެ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް ހިއްސާކުރާ ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް މި ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެނަލިސްޓުން ބުނެ އެވެ. އައިއެންޖީގެ އެނަލިސްޓުން ބުނި ގޮތުގައި، ތެލުގެ އަގު ދާއިމީ ގޮތެއްގައި ދަށްވާނީ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލުމުގެ މަގު ހުޅުވިގެންނެވެ.
ބާޒާރަށް އައި މި ލޮޅުމާ ގުޅިގެން، އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ވަނީ އެ އިދާރާގެ ސްޓްރެޓީޖިކް ރިޒާވުން ރެކޯޑް އަދަދެއް ކަމަށްވާ 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް އެއްބަސްވެފަ އެވެ. މީގެ ތެރެއިން 172 މިލިއަން ފީފާ ހިއްސާކުރާނީ އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވުންނެވެ.
ނަމަވެސް، ދަތުރުފަތުރަށް ހުރަސްއެޅުން ކުރިއަށްދާ ނަމަ، މިއީ ވަގުތީ ހައްލަކަށް ވެދާނެ ކަމުގެ އިންޒާރު އެނަލިސްޓުން ދެ އެވެ. މާކެޓް ސްޓްރެޓެޖިސްޓް ޓީނާ ޓެންގް ވިދާޅުވީ، މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ތެޔޮ އުފެއްދުން މެދުކެނޑި އަދި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އުފުލުމަށް ހުރަސްތައް ހުރި ނަމަ، ރިޒާވުން ތެޔޮ ދޫކުރިޔަސް އެއީ ފުދޭވަރުގެ ކަމަކަށް ނުވެދާނެ ކަމަށެވެ.
ތެލުގެ އަގު އަނެއްކާވެސް 100 ޑޮލަރަށް ވުރެ މައްޗަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ