ޝިލްޕާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކޮށްދީ ކޯޓު އަމުރެެއް ނެރެފި

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ބޮމްބޭ ހައިކޯޓުން ޝިލްޕާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކޮށްދީ ކޯޓު އަމުރެއް ނެރެފިއެވެ. ބޮމްބޭ ހައިކޯޓުން ނެރުނު މި އަމުރުގެ ދަށުން، ދައުވާ ލިބޭ ފަރާތްތަކަށް ޝިލްޕާގެ ނަމާއި، ސޫރައާއި، އަޑާއި، ސިފަ ނުވަތަ ޝަޚްސިއްޔަތު، ކޮންމެ ގޮތަކަށްވިޔަސް ބޭނުންކުރުން ނުވަތަ ނުބައި ގޮތަކަށް ހާމަކުރުން ހައިކޯޓުން ވަނީ ހުއްޓުވާފައެވެ. މީގެ އިތުރުން، ތަފާތު ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ހުތުރު އަދި ހައްގަށް އަރައިގަންނަ ކޮންޓެންޓް ވަގުތުން ނައްތާލުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. "ބޮމްބޭ ހައިކޯޓުން ވަނީ ޝިލްޕާ ޝެޓީގެ ޕާސަނަލިޓީ ރައިޓްސް މައްސަލައިގައި ވަރަށް ސާފު ބަހުން ހާމަކޮށްދީފައި، ޑީޕްފޭކް ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުދުންގެ ހަގީގަތް އޮޅުވާލުމަށް އިންޓަނެޓް ބޭނުންކުރުމަށް ތަންދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަން. ކޯޓުން ވަނީ ބަތަލާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކޮށް، އޭނާގެ ނަމާއި، ސޫރައާއި، އަޑާއި، ޝަޚްސިއްޔަތަކީ ގާނޫނީ ގޮތުން ހިމާޔަތްލިބިގެންވާ ހައްގުތަކެއްކަން ގަބޫލުކޮށް، ހުއްދަ ނެތި ވިޔަފާރީ ބޭނުންތަކަށް ނުވަތަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރެވިގެން ނުވާނެ ކަމަށް ކަނޑައަޅާފައި" ބަތަލާގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ޝިލްޕާ އާއިލާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޝިލްޕާގެ ފަރާތުން މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރި ގޮތުގައި މި އަމުރުން ހަރުދަނާ ގޮތެއްގައި ސާބިތުވެގެންދަނީ، ޑިޖިޓަލް ޕްލެޓްފޯމްތަކާއި ވިޔަފާރި ވެރިންގެ ދައުރު އަދާކުރާ ފަރާތްތަކުން، ފަރުދުންގެ ކަރާމަތާއި އަބުރަށް ގެއްލުންދޭ ފަދަ ކޮންޓެންޓް ވަގުތުން ނަގައިލުމަށް ފިޔަވަޅު އަޅަންޖެހޭ ކަމާއި، ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ޒިންމާދާރު ރޯލެއް އަދާކުރަންޖެހޭކަމެވެ. ޝިލްޕާ ވެފައި ވަނީ ކޯޓު މެދުވެރިކޮށް ޕާސަނަލިޓީ ރައިޓްސް ހިމާޔަތް ކުރި ތަރިންގެ ލިސްޓަށް އިތުރުވި އިތުރު ނަމަކަށެވެ. މީގެ ކުރިން ފިލްމީ ތަރިން ކަމަށްވާ ކާޖޮލް، އައިޝްވަރިޔާ ރާއި ބައްޗަން، ޝަތްރުގަން ސިންހާ، އަބީޝެކް ބައްޗަން، ސަލްމާން ޚާން ފަދަ ތަރިން ވެސް ވަނީ ޕާސަނަލިޓީ ރައިޓްސް ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާ ހިމާޔަތް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ