ޑޮލަރުގެ ތާށިކަމަކީ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމުގެ ނަތީޖާ: ސައީދު

"ގާނޫނު ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕުކުރަމުން ގެންދިޔައީ. އެހެންވީމަ އޭގެ ނަތީޖާ މިއަދު ބައްދަލުކުރާނެ ކަމަށް ބުނެ އަޅުގަނޑުމެން އެވާހަކަ ދެއްކިން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމުގެ ނުރައްކަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވޯލްޑް ބޭންކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އެކަން އެގޮތަށް ނުކުރަން އޭރުވެސް އިންޒާރު ދެމުންދިޔަ ކަމަށެވެ. އަދި އޭރުގެ އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި އުފެދިފައޮތް ޑިމޮކްރެޓްސް ފެކްޝަނުންވެސް އެމްޑީޕީގެ ސަރުކާރަށް ފައިސާ ޗާޕު ނުކުރުމަށް ގޮވާލަމުން ދިޔަކަމަށާއި، ފައިސާ ޗާޕުކުރުމުގެ ސަބަބުން ކޮރަޕްޝަނާއި ވައްކަން އިތުރުވާނެކަމަށް އެބޭފުޅުންވެސް ބުނަމުންދިޔަކަން ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރު ނިމުމަކަށް އަންނަން ޖެހުނު އެއް ސަބަބަކީވެސް މިއީ ކަމަށެވެ.
މީގެ އިތުރުން، ޑޮލަރުގެ މައްސަލައަކީ މީގެ ކުރިން އައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން (ރައީސް ނަޝީދުގެ ސަރުކާރުން) ޑޮލަރުގެ ރޭޓު 10 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދުގެ ބޭންޑެއްގައި ހިފެހެއްޓުމަށް ނިންމި ނިންމުމުގެ ލޮޅުންތައް އަދިވެސް އިހުސާސް ކުރަންޖެހޭ ކަމެއް ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން އަދިވެސް ސަލާމަތް ނުވެވިގެން އުޅޭކަން ފާހަގަކުރައްވަމުން، މިނިސްޓަރު ވަނީ މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ