އިނގިރޭސިވިލާތުން އިޒްރޭލާ އެކު ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލައިފި

ގާޒާގައި އިޒްރޭލުން ހިންގަމުންގެންދާ ކަންކަމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ކަނޑައަޅައި އިޒްރޭލާ އެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލައިފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އާ އޮޕަރޭޝަނެއް ފަށަން ނިންމީ މިދިޔަ ހަފުތާ އެވެ. ގާޒާގެ މެޑިކަލް ސްޓާފުން ރިޕޯޓްކުރާ ގޮތުގައި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ފާއިތުވި އަށް ދުވަހުގެ ތެރޭގައި 500އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ވަނީ މާޗު މަހުގެ ކުރީކޮޅުން ފެށިގެން ގާޒާއަށް ސިއްހީ ސާމާނާއި ކާބޯތަކެއްޗާއި ތެޔޮ އެތެރެވުން ވެސް މަނާކޮށްފަ އެވެ. ހޯމަ ދުވަހު ބައެއް ޓްރަކްތަކަށް ވަނުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ބައިނަލްއަގްވާމީ މާހިރުން ވަނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވީ އެ ހަމަލާތައް ރަމްޒުކޮށްދެނީ "މި ހަމަނުޖެހުންތަކުގެ އަނދިރި އާ މަރުހަލާއެއް"ގެ ފެށުން ކަމަށެވެެ. އިޒްރޭލުން އެހީއަށް އަޅާފައިވާ ހުރަސްތައް އުވާލުމަށް އޭނާ ގޮވާލައްވައި އިޒްރޭލުގެ ހައްދު ފަހަނައެޅި ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗު، ގާޒާ އިން ރައްޔިތުން ބާލަން ޖެހޭ ކަމަށް ދެއްކެވި ވާހަކަތައް އޭނާ ކުށްވެރި ކުރެއްވި އެވެ. 
ސްމޮޓްރިޗު ގޮވާލައްވާފައި ވަނީ ގާޒާ ހުސްކޮށް ތިން ވަނަ ގައުމަކަށް ރައްޔިތުން ބަދަލުކުރަން ޖެހޭ ކަމަށެވެ.  
ޑޭވިޑް ލެމީ ވިދާޅުވި އެއީ ހައްދުފަހަނައަޅައި ދިއުން ކަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެކަން ވަރަށް ހަރުކަށި އިބާރާތުން އޭނާ ކުށްވެރި ކުރެއްވި އެވެ. 
"މިއަދު އަޅުގަނޑު މި އިއުލާން ކުރަނީ އާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ގުޅޭ ގޮތުން އިޒްރޭލް މިހާރުގެ ސަރުކާރާ އެކު ކުރަމުން އަންނަ މަޝްވަރާތައް މެދުކަނޑާލި ވާހަކަ،" ޑޭވިޑް ލެމީ ވިދާޅުވި އެވެ.
ކުރީގެ ކޮންޒަވޭޓިވް އިނގިރޭސި ސަރުކާރުގައި، 2022 ވަނަ އަހަރު ރަސްމީކޮށް ފެށި ވިޔަފާރީގެ މަޝްވަރާތަކުގައި އިނގިރޭސިވިލާތުން ކުރިއެރުމެއް ނުލިބޭތާ ދުވަސްކޮޅެއް ވެއްޖެ ކަމުގެ އިޝާރާތެއް އިޒްރޭލުން ވަނީ ދީފަ އެވެ.
"ބްރިޓިޝް މެންޑޭޓް 77 އަހަރު ކުރިން ވަނީ ނިމުމަކަށް އައިސްފައި،" އިޒްރޭލުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި އެވެ.
"ބޭރުގެ ޕްރެޝަރަކަށް އިޒްރޭލު ބޮލެއް ނުލަބާނެ. އަދި އިޒްރޭލުގެ ދެމިއޮތުމާއި ސަލާމަތާއި ރައްކާތެރިކަން އިޒްރޭލުން ދުލެއް ނުކުރާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ