ޖުނައިދުގެ ތިންވަނަ ފިލްމު ސައުތުގެ ބަތަލާ ސައިއާ އެކު
ދާދިފަހުން ބޮލީވުޑަށް ތައާރަފްވި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން އަލަށް ކުޅޭ ފިލްމަކީ ސައުތުގެ މަޝްހޫރު ބަތަލާ ސައި ޕައްލަވީއާ އެކު ކުޅޭ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ޖުނައިދު ފިލްމީ ކެރިއަރު ފެށިފަހުން މަސައްކަތްކުރާނެ ތިންވަނަ ފިލްމެވެ. އާމިރު ޚާން އަދި މަންސޫރު ޚާން ޕްރޮޑިއުސްކޮށް ސުނިލް ޕާންޑޭ ޑައިރެކްޓްކުރާ މި ފިލްމަކީ "އޭކް ދިން"ގެ ނަމުގައި އުފައްދާ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައުތު ސިނަމާގެ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ ސައި އަކީ ޖުނައިދުއަށް ވުރެ އުމުރުން ދޮށީ ބަތަލާއެއް ކަމުން ދެ ތަރިންގެ ކެމިސްޓްރީއަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ޖުނައިދު ބޮލީވުޑަށް ތައާރަފްވި ފިލްމު "މަހާރާޖް"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް ޖަޕާނުގެ ހިތްގައިމު ސަރަހައްދުތަކުގައި ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމަކީ އާމިރު އަދި މަންސޫރު އަލީ ޚާން އެކީގައި މަސައްކަތްކުރިތާ 17 އަހަރު ފަހުން ގެނެސްދޭ ފިލްމެކެވެ. ދެ މީހުން އެކީގައި މީގެކުރިން ގެނެސްދީފައި ވަނީ 2008ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޖާނެ ތޫ---ޔާ ޖާނެ ނާ"އެވެ. މި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ސުނިލް ޕާންޑޭ އަކީ ވެސް އާމިރުއާ އެކު ފިލްމު "ރަންގް ދެ ބަސަންތީ" އަދި "ލާލް ސިންގް ޗައްދާ"ގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. ބަތަލާ ސައި ޕައްލަވީ ބޮލީވުޑަށް ތައާރަފްވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ. ޖުނައިދު ބޮލީވުޑަށް ތައާރަފްވެފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "މަހާރާޖް"އިންނެވެ. ފިލްމުތަކުގެ އިތުރުން ތިއޭޓަރުގައި މިހާރު ވެސް ޕާފޯމްކުރަމުން އަންނަ ޖުނައިދު ވަނީ މި އަހަރު ރިލީޒްކުރި ފިލްމު "ލަވްޔާޕާ"އިން ވެސް ފެނިފައެވެ. ނަމަވެސް އެ ފިލްމަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ