ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު (ތިލަމާލޭ ބްރިޖު) ގައި އެފްކޮންސްއިން ކުރަމުން ދިޔަ މަސައްކަތްތައް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭތޯ ޔަގީންކޮށް، ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުން ދިޔަ މިނިވަން ކޮންސަލްޓަންޓު، އަރޫޕްގެ އެއްބަސްވުން ބާތިލުކޮށްފި އެވެ.
އަރޫޕްގެ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި މިނިސްޓްރީގެ ބަހެއް ނުލިބުނު ނަމަވެސް، އަރޫޕުން ވަނީ މި ޕްރޮޖެކްޓުގެ މަސައްކަތުގައި އުޅުނު އެ ކުންފުނީގެ 50 ވަރަކަށް މުވައްޒަފުންގެ ޓީމަށް އެކަން އަންގައި، އެންމެންނަށް ވަޒީފާގެ ނޯޓިސް ދީފަ އެވެ.
ނޯޓިސް ފެނުނު މީހަކު ނަން ނުޖަހާ ގޮތަށް އަދަދު އަށް މައުލޫމާތު ދެމުން ބުނީ، ވަޒިފާއިން ވަކިކުރިކަން އަންގައި ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ ތިލަމާލެ ބްރިޖުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން އެ ކުންފުންޏާ އެކީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވާތީ މަސައްކަތާއި ވަޒީފާ ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އިތުރު މީހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ތިލަމާލެ ބްރިޖުގެ ކޮންސަލްޓަންސީ އެއްބަސްވުން ބާތިލުކުރި ސަބަބު ސާފެއް ނުވި އެވެ. މިކަމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބަހެއް ހޯދަން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލާ މުއާމަލާތްކުރުމުން މިނިސްޓްރީގެ ޓެކްނިކަލް ޓީމަށް ސުވާލު ފޮނުވާފައިވާ ކަމަށް އޭނާ ބުންޏެވެ.
ހޮން ކޮންގުގެ އަރޫޕަކީ ސިނަމާލެ ބްރިޖުގެ ވެސް ކޮންސަލްޓަންޓެވެ. އެ ކުންފުންޏަކީ މި ދާއިރާގެ ފުންނާބު އުސް، ތަޖުރިބާ ގިނަ ކުންފުންޏެކެވެ. ތިލަމާލޭ ބްރިޖުގެ ޓެކްނިކަލް ރިޕޯޓުގެ ވެސް ތައްޔާރުކުރީ އެ ކުންފުނިން ކަމަށް ބައެއް ހަބަރުތަކުގައި ރިޕޯޓުކޮށްފައި އެބަހުއްޓެވެ.
ނިންމަން ބުނި ތާރީހުތައް ފަހަނައަޅައި، މަސައްކަތް ލަސްކޮށް ހިނގާ ތިލަމާލެ ބްރިޖަކީ 120 އަހަރު ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބްރިޖެކެވެ. ސަރުކާރުން އެންމެ ފަހުން ދިން ތާރީހަކީ، އަންނަ އަހަރުގެ ޖުލައިގައި މާލެއާ ވިލިމާލޭއާ ގުޅާލާ ނިމޭނެ ކަމަށެވެ. މުޅި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ބުނަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ތިލަމާލެ ބްރިޖުގެ ޕައިލިން މަސައްކަތް ނިމިފައިވާއިރު، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ މުޅި ބްރިޖުގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ދަނީ ފަހުން އެއްބަސްވި ތާރީހާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ތިލަމާލެ ބްރިޖުގެ ފަންޑިންގެ ބޮޑު ބަޔަކީ އިންޑިއާ އެގްޒިމް ބޭންކުން ނަގާފައިވާ ކްރެޑިޓު ލައިނެވެ. މި ކްރެޑިޓު ލައިނުން 400 މިލިއަން ޑޮލަރު ހަރަދުކުރާއިރު، އިންޑިއާ ސަރުކާރުން ވަނީ ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.
ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރު ކުރަމުން ދިޔަ ކުންފުނީގެ އެއްބަސްވުން ބާތިލުކޮށްފި ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރު ކުރަމުން ދިޔަ ކުންފުނީގެ އެއްބަސްވުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ