"ލޫޓުމާރު އަރުވައިން" ހޯދާ ތަރައްޤީއެއް ރައްޔިތުން ބޭނުމެއް ނޫން: ޖާބިރު

ދެބައިކުޅަ އެއްބައި ޖީބަށް ލައިގެން، ލޫޓުމާރު އަރުވައިގެން ހިންގާ ތަރައްޤީއެއް ހޯދަން ދިވެހިން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީ ކުރި ނަމަވެސް އެކަންކަން ކޮށްފައިވަނީ ނުއަގުގައި ކަމަށާއި، އެސަރުކާރުން ތަރައްޤީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ޖީބަށް ފައިސާ ވަންނަ ގޮތަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ، މިދިޔަ ސަރުކާރުން ތަަރައްޤީ ގެނެސްފައި ވަނީ ރަނގަޅަށް ނޫން ކަމަށާ، މިދިޔަ ސަރުކާރުން ގޯސްކޮށް ކުރި ކަންކަމުގެ ސަބަބުން މި ސަރުކާރަށް ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ބަަދަލު ދޭން ޖެހިފައިވާ ކަމަށެވެ.
"ލޫޓުމާރު އަރުވައިގެން ހިންގާ ތަރައްޤީ ރައްޔިތުން ބޭނުމެއް ނޫން. މީހުން ޖަލަށްލާ، ދެބައިކުޅަ އެއްބައި ޖީބަށްލާ، އެކަހަލަ ތަރައްޤީ ރައްޔިތުން ބޭނުމެއް ނުވާނެ. ކޮންމެހެން ޑޭ ވަން އަކުން ފެށިގެން ނިއުޔޯކަކަށްވެސް ސިންގަޕޫރަކަށްވެސް ނުވެވޭނެ. ހަމަޖެހިގެން ދާން ޖެހޭނީ. ގައުމު ދަރުވާލައިގެންވެސް ނުވާނެ. މިހާރު ކުރީ ސަރުކާރުން ގޯސްކޮށް ހެދިހާ މިސްޓޭކްތައް، ބިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭ ކޮމްޕެންސޭޝަނަށް." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ މިދިޔަ ސަރުކާރުން އެޅި ބްރިޖަކީ ނަޖިސް ބްރިޖެއް ކަމަށްވެސް ސިފަކުރައްވާފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހުނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މިހާރު ކަންކަން ދަނީ އިސްލާހުވަމުން ކަމަށާ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ރަނގަޅަށް ހިނގަމުންދާކަމަށެވެ.
ޖާބިރު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ