ޖަނަރޭޓަރު ލިބޭނީ މާދަން މެންދުރު، ކަރަންޓް ދެވޭނީ ހޮނިހިރުގައި: ފެނަކަ

ތިނަދޫން: އަހުމަދު ސާއިލް އަލީ ކަރަންޓް ކެނޑިފައިވާ ގދ. ތިނަދު އަށް ކަރަންޓް ދިނުމަށް ގެންނަ ޖަނަރޭޓަރުތައް ގެނެވޭވަރު ވާނީ މާދަމާ މެންދުރު ފަހު ކަމަށާއި އިންޖީނުތައް އިންޖީނުގެއަށް ގެންދެވޭތާ 12 ގަޑިއިރު ތެރޭ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ތިނަދޫ ފެނަކަގެ ޓެކްނިކަލް މެނޭޖަރު މުސްތަފާ ހަސަން މިއަދު ސަން އަށް ވިދާޅުވީ މާލެއިން ތިނަދުއަށް އިންޖީނު ހިފައިގެން ދަތުރުކުރާ ލޭންޑިން ކުރާފްޓް މާދަން މެންދުރު ފަހު އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ދެ އިންޖީނު ވެހިކަލްއަކަށް ލައިގެން އިންޖީނު ގެއަށް ގެންދެވޭވަރަށް ވުރެ ބަރު ކަމަށާއި ގަސްތުކޮށްފައި އޮތީ މަގުމަތީ ދަނގަޑު ފިލާ އަޅައިން ދަމާފައި ދެ ޖަނަރޭޓަރު ގެންދިއުމަށް ކަމަށް މުސްތަފާ ވިދާޅުވި އެވެ. އިންޖީނުގޭ ތެރެއަށް އެދެ ޖަނަރޭޓަރު ގެންދެވޭތާ 12 ގަޑި އިރު ތެރޭގައި ހިދުމަތް ދެވިގެންދާނެ ކަމަށާއި އެގޮތުން ހޮނިހިރު ދުވަހުގެ ތެރޭގައި ހިދުމަތް ދެވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ. "އިންޖީނުގެއަށް އޭތި ގެންދެވޭތާ ގާތްގަނޑަކަށް ލަސްވެގެން 12 ވަރަށް ގަޑިއިރު ތެރޭގައި ފޯރުކޮށްދެވޭނެ ކަމަށް ވަގުތޫ ގޮތުން ވިޔަސް ދާއިމީ ގޮތުން ވިޔަސް." މުސްތަފާ ވިދާޅުވި އެވެ. ތިނަދޫއަށް އަލަށް ގެނައުމަށް ނިންމާފައި ވަނީ އެއް މެގަވޯޓުގެ ދެ ޖަނަރޭޓަރެވެ. އެއީ ރަނގަޅު ކޮންޑިޝަނެއްގައި ހުރި ދެ އިންޖީނަށްވުމުން ދާއިމީ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދެވިގެންދާނެ ކަމަށް ފެނަކައިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ