މިރޭ މާލެއިން ކަރަންޓު ކަނޑާލުމާއި މިއުޒިކް ޝޯވ ބޭއްވުން ހޯމް މިނިސްޓްރީއިން މަނާ ކޮށްފި

އާރތު އަވަރ ފާހަގަކުރުމުގެ ގޮތުން މިރޭ މާލެއިން ކަރަންޓު ކަނޑާލުމާއި، މިއުޒިކް ޝޯވ ބޭއްވުން ހޯމް މިނިސްޓްރީއިން މަނާ ކޮށްފައިވާކަމަށް އެމިނިސްޓްރީއިން ކަށަވަރު ކޮށްދީފިއެވެ.
އެމިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރ ތަޒްމީލް އަަބްދުލްސަމަދު މިއަދު "ވަގުތަަށް" ވިދާޅުވީ، ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ، މިރޭ މާލެއިން ކަރަންޓު ކަނޑާލުމާއި، މިއުޒިކް ޝޯވ ބާއްވައި އެތަންތަނަށް އެއްވުން މަނާ ކޮށްފައި ކަމަށެވެ.
ތަޒްމީލް ވިދާޅުވީ، އެކަމުގެ ސަބަބަކީ ނިމިދިޔަ ހަފްތާގައި މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މާރާމާރީގެ ގިނަ ހާދިސާތަކެއް ހިނގާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖެހުމުގެ ހާދިސާތަކެއްވެސް ބަޔަކު ހިންގާފައި ވާތީ ކަމަށެވެ.
މީގެ އިތުރުން، މި ދުވަސްވަރަކީ، ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށްޓަކައި "ބައެއް ފަރާތްތަކުން" މަސައްކަތްކުރަމުންދާ ދުވަސްވަރެއް ކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ.
"މި ދަނޑިވަޅަކީ މުޅި މާލެއިން ކަރަންޓު ކަނޑާލާފައި ބޭއްވުން އެންމެ އެކަށީގެންވާ ދަނޑިވަޅަށް ނުވާތީ މިނިސްޓަރ ވަނީ އެކަން ނުކުރުމަށް ނިންމާފައި،" ތަޒްމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއީ ސީދާ އާރތު އަވަރ ފާހަގަ ކުރުމަށް ހުރަސް އެޅުމަށް ކުރި ކަމެއް ނޫން ކަމަށެވެ.
"އާރތު އަވަރ ފާހަގަ ކުރުމަށް އެއްވެސް ކަހަލަ ހުއްޓުމެއް އައުމަށް ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް އެންމެ މުހިންމު ކަމަކީ މުޖުތަމަޢާއި ރައްޔިތުންްގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް މިނިސްޓަރ ވިދާޅުވީ،" ތަޒްމީލް ވިދާޅުވިއެވެ.
މާލޭގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ކޮންމެ ރެއަކު މުޒާހަރާ ކުރަމުންދާ އިރު، މިދިޔަ ހަފްތާގައި މާލޭގައި ވަނީ ބިދޭސީއަކަށް ހަމަލާދީ މަރާލާފައެވެ. އަދި ހުކުރު ދުވަހުގެ މެންދަމުގެ ވަގުތެއްގައި މާލޭގައި ޕާކު ކޮށްފައި ހުރި ދެ ކާރެއްގައި ވަނީ ހުޅުވެސް ޖަހާފައެވެ.
އާރތު އަވަރ ފާހަގަ ކުރުމަށް މިރޭ 20:30 އިން 21:30 އަށް ކަރަންޓު ކަނޑާލައި، އެވަގުތު ރާޅުގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯވވެސް ވަނީ، އާރތު އަވަރ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ހޯމް މިނިސްޓްރީގެ އެންގުމަށް ކެންސަލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ